ފިނޭންސް މިނިސްޓްރީ

ލޯނު ދައްކަން ބައި ބިލިއަން ރުފިޔާ ހޭދަކޮށްފި

ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރު ދައުލަތުން 494.4 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ހަފުތާ މާލީ ހިސާބުތައް ދައްކާ ގޮތުން އެ އަދަދަކީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތަކަށް ހޭދަކުރި މިންވަރެވެ.

ލޯނު ދެއްކުމަށް މިއަހަރު ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ އިތުރުވެފަ އެވެ. ލޯނު ދެއްކުމަށް މިދިޔަ އަހަރުގެ އެ މުއްދަތުގައި 334.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރުގެ ބަޖެޓުގައި 2.1 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު ދައުލަތުން ކުރި ހަރަދު ވަނީ 4.7 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ 3.6 ބިލިއަން ރުފިޔާގަ އެވެ.

މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް މިއަހަރު 942.9 މިލިއަން ރުފިޔާ ހޭދަކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް (ޕީއެސްއައިޕީ) 797.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.