ފިނޭންސް މިނިސްޓްރީ

ޕީއެސްއައިޕީއަށް ކުރި ހޭދަ 83 ޕަސަންޓް ދަށަށް

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހޭދަ 83 ޕަސަންޓް ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޕީއެސްއައިޕީއަށް މިމަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ހޭދަކޮށްފައިވަނީ 287.5 މިލިއަން ރުފިޔާ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި އަހަރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިން ހިއްކުމުގެ މަޝްރޫއުތަކަށެވެ.

ބިން ހިއްކުމުގެ މަޝްރޫއުތަކަށް 82.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 44.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ހާބަރު މަޝްރޫއުތަކަށް 24.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބްރިޖު މަޝްރޫއަށް 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ލޯނު ދައްކަން ކުރި ހޭދައާއެކު ދައުލަތުން މިއަހަރުގެ މި މުއްދަތުގައި ޖުމްލަ 3.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބުނެވެ.