ޕީއެސްއައިޕީ

ތަރައްގީގެ މަޝްރޫއުތަކުގެ ހަރަދު 64 ޕަސަންޓް ދަށަށް

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މިއަހަރު ކުރި ހޭދަ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 64.7 ޕަސަންޓް ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް ހޭދަކޮށްފައިވަނީ 755.9 މިލިއަން ރުފިޔާ އެވެ.

ތަރައްގީގެ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 2.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި ޖުމްލަ 8.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިހާތަނަށް ހަރަދުކޮށްފައިވަނީ މީގެ ތެރެއިން 8.4 ޕަސަންޓެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫއުތަކަށް މި އަހަރު 274.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 149.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މީގެ އިތުރުން މަގު ހެދުމުގެ މަޝްރޫއުތަކަށް މިއަހަރު 72.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ހާބަރު މަޝްރޫއުތަކަށް 43.6 މިލިއަން ރުފިޔާ އަދި ބްރިޖު މަޝްރޫއަށް 35.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.