މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އިތުރު ލުއިތަކެއް ލިބޭ ގޮތަށް ސްޕާ ގަވައިދު އިސްލާހުކޮށްފި

Feb 27, 2023

ސްޕާ ހިންގާ ތަންތަނަށް ބޮޑެތި ތުހުމަތުތަކެއް އާންމުން ކުރަމުން ދަނިކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް އެކުލަވާލާފައިވާ ސްޕާ ހިންގުމުގެ ގަވައިދަށް އިތުރު އިސްލާހުތަކެއް ގެނެސްފި އެެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލައި މިމަހުގެ 21 ވަނަ ދުވަހު އަމަލުކުރަން ފެށި ގަވައިދަށް މިއަދު ފުރަތަމަ ފަހަރަށް ގެނައި އިސްލާހުތައް މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ. ގަވައިދުގެ ބައެއް މާއްދާތަކަށް އިސްލާހުތަކެއް ގެނައި އިރު އިތުރު ޖަދުވަލެއް ވެސް ހިމަނާފައިވެ އެވެ.

މިއަދު ގެނައި އިސްލާހުތަކުގައިވާ މައިގަނޑު އެއްބަދަލަކީ ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ސްޕާތަކަށް ލުއިތަކެއް ދިނުމުގެ ގޮތުން ގަވައިދުގެ ބައެއް މާއްދާތަކުން ފަތުރުވެރިންނަށް ދޭ ހިދުމަތްތައް އިސްތިސްނާ ކުރުމެވެ. އަދި އިންޑަސްޓްރިއަލް ވިލެޖް ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި ސަރަހައްދުތަކާއި ވިޔަފާރީ އުސޫލުން ދަނޑުވެރިކަމަށް ނުވަތަ މަސްވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުރަށްތަކުގައި ސްޕާގެ ހިދުމަތް ދިނުން މިއަދު އާންމުކުރި އިސްލާހުގައި މަނާކޮށްފައިވެ އެވެ.

ސްޕާ ގަވައިދު އެންމެ ފުރަތަމަ އާންމުކުރިއިރު މީހުން ދިރިއުޅޭ ރަށްތަކުގައި ހުކުރު ދުވަހު ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް ސްޕާގެ ހިދުމަތް ދިނުން މަނާކޮށްފައިވާއިރު އެހެން ދުވަސްތަކުގައި ސްޕާގެ ހިދުމަތް ދެވޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ. އެކަމަކު ޓޫރިޒަމް ހިދުމަތްދޭ ތަންތަން މިގަނޑިތަކުން އިސްތިސްނާކޮށްފައިވެ އެވެ. މިއަދު އިސްލާހުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުގެ އިންހައުސް ގެސްޓުންނަށް ދެވޭ ސްޕާގެ ޚިދުމަތްތައް ވެސް އިސްތިސްނާކޮށްފައިވެ އެވެ.

ސްޕާ ތަކުގައި ހާއްސަ ހިދުމަތެއް ދޭނަމަ އެކަމުގައި ޝާމިލުވާ މުވައްޒަފުންނަކީ އެ ހިދުމަތް ދިނުމަށް ބޭނުންވާ ތައުލީމާއި ތަމްރީނު ލިބިގެންވާ މުވައްޒަފެއް ކަން ތަނުގެ ވެރިފަރާތުން ކަށަވަރު ކުރަންވެސް މިއަދު ގެނައި އިސްލާހުގައި ލާޒިމުކޮށްފައިވެ އެވެ. ސްޕާއިން ދޭ ހިދުމަތްތަކާއި އެ ހިދުމަތްތަކުގެ އަގު އެނގޭނޭ ލިޔުމެއް އާންމުކޮށް ފެންނާނޭހެން ބަހައްޓަންވެސް ގަވައިދުގައި މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ.

ސްޕާތައް ހުންނަންވީ މިންގަނޑާއި އެފަދަ ތަނަކުން ދެވޭނެ ހިދުމަތްތައް ތަފްސީލްކޮށްދީފައިވާ މިގަވައިދު އައުމާ އެކު ސްޕާގެ ގޮތުގައި މިހާރު ހިންގަމުންދާ ހުރިހާ ތަނެއް އަލުން ރަޖިސްޓްރީކުރަންޖެހެ އެވެ. އެކަމަށް ދީފައިވަނީ 90 ދުވަހެވެ.

މިގަވައިދުގައިވާ ގޮތުން ގަވައިދުގައި ބުނާ މިންގަނޑާ ހިލާފަށް އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ސްޕާ އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ. ސްޕާ އިޝްތިހާރު ކުރާއިރު އެއްވެސް މީހެއްގެ ފޮޓޯ އާއި ވީޑިއޯ ސްޕާ ހިންގާ ފަރާތަށް ވެސް އަދި އެތަނުގައި މަސައްކަތް ކުރާ މީހަކަށްވެސް ބޭނުމެއް ނުކުރެވޭނެ އެވެ. އަދި އިޝްތިހާރު ކުރާނަމަ އެކަން ކުރެވޭނީވެސް އާންމު އިޖުތިމާއި މިންގަނޑަށް ފެތޭ ބަސްމަގާއި އަޑާއި އިޝާރާތް ބޭނުންކޮށްގެންނެވެ. ސްޕާގެ ހިދުމަތްދޭ ތަންތަނުގައި ބަދުއަހްލާގީ އަމަލު ހިންގުން އާންމުވެފައިވާއިރު މިގަވައިދުގައިވަނީ ސްޕާތަކުގައި ބަދުއަހްލާގީ އަމަލު ހިންގުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފަ އެވެ.

ގަވައިދާ ހިލާފަށް އަމަލުކޮށްފިނަމަ 10،000 ރުފިޔާ އިން ޖޫރިމަނާކުރެވޭއިރު ރަޖިސްޓްރީ ނުކޮށް ސްޕާއެއް ހިންގައިފިނަމަ އެތަނެއް 10،000 ރުފިޔާ އިން ޖޫރިމަނާކޮށް ވަގުތުން ތަން ބަންދުކުރުމުގެ ބާރު ކަމާ ގުޅޭ އިދާރާތަކަށް މިގަވައިދުގައި ދީފައިވެ އެވެ. މިގަވައިދުގެ ދަށުން އިސްލާހުކުރަން އަންގާ ކަންކަން އިސްލާހުކުރުމަށް އެންގުމުން އެފަދަ ކަންކަމަށް އަމަލުނުކުރާ ފަރާތްތަކާއި ތަކުރާރުކޮށް ގަވައިދާ ހިލާފުވާ ފަރާތްތައް 6،000-8،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ގަވައިދުގައިވެ އެވެ.

ސްޕާތަކުގައި ހުންނަންޖެހޭ މިންގަނޑު ގަވައިދުގައި ސާފުކޮށްދީފައިވާއިރު ސްޕާ ތަކުގެ ބޭރުގައި އެތަނުގެ ނަން އެނގޭ ގޮތަށް ހުރުމާއި ރަޖިސްޓްރީކޮށްގެން ހިންގާ ތަނެއްކަން އެންމެންނަށްވެސް އެނގޭ ގޮތަށް "ރަޖިސްޓާޑް ސްޕާ" ލިޔެފައި އޮންނަން ޖެހެ އެވެ. ސްޕާ ތަކުގެ ކޮޓަރިތައް ތިންވަނަ މީހަކަށް ނުވަދެވޭހެން ދޮރެއް ނުވަތަ ޕާޓިޝަނަކުން ބަންދުކޮށްފައި ހުންނަންޖެހެ އެވެ. އެކަމަކު އެފަދަ ތަންތަނުގައި ތަޅެއް، ތަންޑެއް ނުވަތަ ތަންޑުލުމަށް ބޭނުންކުރާ އާލާތެއް ހަރުކުރުމަކީ ވެސް މަނާ ކަމެކެވެ. ސްޕާގެ ރޫމުތަކުގައި ހިދުމަތްދޭއިރު އެކަށީގެންވާ އަލިކަމެއް އެތަނުގައި ހުރުމާއެކު އެތަނުގައި ހިދުމަތްދޭ ކަން އެނގޭ ގޮތަށް ނިޝާނެއް ހުންނަންޖެހެ އެވެ.

މީގެއިތުރުން ސްޕާގެ ހިދުމަތް ދޭ ތަނުގެ ރިސެޕްޝަނާއި ކޮރިޑޯގައި ހަަމަސް ދުވަހުގެ ވީޑިއޯ ފުޓޭޖު ނެގޭ ގޮތަށް ސީސީޓީވީ ކެމެރާ ހަރުކޮށް އަބަދު ކެމެރާ ޖައްސާފައި ހުރުމާއި ތަހުގީގީ އިދާރާއަކުން އެދިއްޖެނަމަ ވަގުތުން އެ ރެކޯޑިން ލިބެންޖެހެ އެވެ. އަދި ސްޕާގެ ރޫމުތަކުގައި ހިދުމަތް ދިނުމަށް އެކަމަށް ހާއްސަ އެނދު ބަހައްޓަންޖެހޭއިރު ދެ އެނދު ބަހައްޓާނަމަ ދެ އެނދުގެ ދެމެދުގައި ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށްފަހު ދެ އެނދުވެސ1ް ޕާޓިޝަނަކުން ވަކިކުރަންޖެހެ އެވެ.

ރަށްރަށުގައި ސްޕާތައް ރަޖިސްޓްރީކުރުމުގެ ކުރިން ރަށު ކައުންސިލުން އެތަނެއް އިންސްޕެކްޓް ކުރުމަށްފަހު މިގަވައިދަށް ފެތޭނަމަ ތަން ހިންގުމުގެ ހުއްދަ ދޭންޖެހެނީ ކައުންސިލުންނެވެ. އަދި ކޮންމެ ހަމަހަކުން އެތަނެއް އިންސްޕެކްޓް ކުރަންވެސް ކައުންސިލަށް ގަވައިދުގައި އަންގާފައިވެ އެވެ. ސްޕާތައް ހިންގަން ހުއްދަ ދެނީ ދެ އަހަރަށް ކަމަށްވާއިރު މުއްދަތު އާކުރަން ބޭނުންވާނަމަ މުއްދަތު ހަމަވުމުގެ އެއްމަސް ދުވަސް ކުރިން އެކަމަށް ހުށަހަޅަންޖެހެ އެވެ.