ރާއްޖެއާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.
ދެ ގައުމުގެ ކަމާ ގުޅޭ ބޭފުޅުންގެ މެދުގައި އިއްޔެ ވަނީ މިކަމާ ގުޅޭ ފުރަތަމަ އެއްބަސްވުން ރާއްޖޭގައި ބާއްވާފަ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ދެ ގައުމުގެ ދެމެދުގައި މިފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގެން އެ ގައުމުގެ އިސް ބޭފުޅުންނާ އެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ.
"މިހާރު ކުރިއަށްދަނީ ދެ ގައުމުން އެކަށައަޅައި ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް،" ސައީދު ވިދާޅުވި އެވެ.
މިފަދަ އެއްބަސްވުމެއްގެ ތެރެއިން ރާއްޖެއަށް މުދާ ގެނައުމާއި ރާއްޖެ އިން މުދާ ގެންދިއުމުގައި ހިމެނޭ މުދަލާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތުރުކީއާ އެކު ގެންދަވަނީ ގާތްގުޅުންތަކެއް ބާއްވަވަމުންނެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ ތިން ޑްރޯންވެސް މިހާރު ވަނީ ތުރުކީ އިން ރާއްޖެއަށް ގެނެސްފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ ތުރުކީ އިން ހަދިޔާކުރި ތިން ޑްރޯން އެވެ.
މީގެއިތުރުން ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ތުރުކީ އިން ގެނައުމަށްޓަކައި އެއް އަހަރުގެ އެއްބަސްވުމެއް ވަނީ ހަދާފަ އެވެ. އަދި ތުރުކީ ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލާޝިޕް ފުރުސަތުތައްވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ. ރާއްޖޭގައި ތުރުކީގެ އެމްބަސީއެއް ހުޅުވުމުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ.