ހަބަރު

ނަޝީދު ރާއްޖެ ގެންނަން ސަރުކާރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް: އާޒިމާ

ބޭސްފަރުވާއަކަށް މިހާރު އިނގިރޭސިވިލާތުގައި ހުންނެވި، ކުރީގެ ރައިސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިނުގަތުމަށް ނިންމެވި ނަމަވެސް، އެމަނިކުފާނު ރާއްޖެ ގެނައުމަށް ސަރުކާރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރައްވަން ސަރުކާރުގެ ވަފުދެއް މިހާރު ލަންކާއަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅުގައި އެ ގައުމުގެ ނޫސްވެރިންނާ ބައްދަލުކުރައްވާ އާޒިމާ ވިދާޅުވީ، ރައީސް ނަޝީދު މިހާރު ހުންނެވީ އިހްތިސާސް ހިނގާ ސަރަހައްދުން ބޭރުގައި ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިނުގަތުމަށް ނިންމަވާ ހާލަތެއްގައި ވެސް އެމަނިކުފާނު އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، މުހައްމަދު ނަޝީދަކީ ރާއްޖޭގައި ރައީސްކަން ކުރައްވާ، މަތީ ހައިސިއްޔަތެއް ލިބިފައިވާ ބޭފުޅެއް ކަމަށްވުމުން އެނބުރި ރާއްޖެ ވަޑައިގަންނަވާ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށާއި މުއްދަތު އިތުރުކޮށްދިނުމަށް ރައީސް ނަޝީދު ސަރުކާރުގައި އެދިލައްވައިފިނަމަ މިހާރު ދީފައިވާ 30 ދުވަހުގެ އިތުރު މުއްދަތު ދޭން ސަރުކާރު ތައްތާރު ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ އަލީ ނަސީރު ވިދާޅުވީ، ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ދެކޮޅު ހަދައި ރާއްޖެ ވަޑައިނުގަންނަވަން ނިންމަވައިފިނަމަވެސް އެމަނިކުފާނު ގަދަކަމުން ރާއްޖެ ނުގެނެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ފޮރިން ސެކްރެޓަރީ ވިދާޅުވީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާއެއް ހެދިފައި ނެތުމެވެ.

ބޭސް ފަރުވާއަށް ރައީސް ނަޝީދު ވަޑައިގެންނެވި ނަމަވެސް މިހާތަނަށް ފަރުވާއާ ގުޅޭ މަސައްކަތެއް ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ނަޝީދު ބެއްލެވި ޑޮކްޓަރުން އެމަނިކުފާނުގެ ބޭސްފަރުވާއަށް އިތުރު މުއްދަތު ބޭނުންވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށްވެއެވެ.

ރައީސް ނަޝީދަށް ސަރުކާރުން 30 ދުވަސް ދީފައިވާއިރު އޮޕަރޭޝަނެއް ކުރެއްވުމަށްފަހު ޑޮކްޓަރު އެދި ވަޑައިގެންފިނަމަ އިތުރު 45 ދުވަސް ރައީސް ނަޝީދަށް ދެއްވާނެ ކަމަށް ކުރިން ވެސް ސަރުކާރުން ވަނީ ބުނެފައެވެ.