ދުނިޔެ

ޔުކްރޭނަށް ޖާސޫސްކޮށްދޭ ވާހަކަ އަކީ ބޮޑު ދޮގެއް: ޕެންޓަގަން

ރަޝިއާއާ ހަނގުރާމަކުރުމަކީ އެމެރިކާގެ މަގުސަދެއް ނޫން ކަމަށް އެ ގައުމުގެ ދިފާއީ އިދާރާ ޕެންޓަގަންގެ ތަރުޖަމާން ޕެޓް ރައިޑާ ވިދާޅުވެއްޖެ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ރަޝިއާއަށް ހަމަލާދޭނެ ގޮތާއި ތަންތަން ފާހަގަކޮށް ޕެންޓަގަނުން ފާހަގަކޮށް ޔުކްރޭނަށް ކިޔައިދޭ ކަމަށް މީޑިއާގައި ދައްކާ ވާހަކަތަކަކީ ހަދަހަދައިގެން ދައްކާ އެއްވެސް ފެށުމެއް ނެތް ވާހަކަތަކެކެވެ.

ޕެޓް ރައިޑާ ވިދާޅުވި ގޮތުގައި ރަޝިއާ އާއެކު އެމެރިކާ ހަނގުރާމައެއް އިއުލާނެއް ނުކުރެ އެވެ. މި ހާލަތުގައި ރަޝިއާއާ ހަނގުރާމަކުރުމަކީ ބުއްދިވެރިކަމެއް ކަމަށް އެމެރިކާގެ އަސްކަރިއްޔާއަށް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ މަގުސަދެއް ނެތް ކަމެއްގައި ޔުކްރޭނަށް ޖާސޫސްކޮށްދިނުމަކީ މޮޔަކަމެއް ކަމަށެވެ.

ޕެޓް ރައިޑާ ވިދާޅުވި ގޮތުގައި އެމެރިކާގެ އަމާޒަކީ ޔުކްރޭން ބާރުވެރިކުރުވުމެވެ. މިނިވަން ގައުމެއް ގޮތުގައި ޔުކްރޭން އޮތުމަކީ ޑިމޮކްރަސީގެ އަސާސެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދެނީ މި ވިސްނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ ތެރެއަށް ޔުކްރޭންގެ ޓެރަރިސްޓުން ވަދެގަނެ އެކިވަރުގެ ގެއްލުންތައް ދީފައި ވަނީ އެމެރިކާއިން ގޮތްފޮތް ކިޔައިދިނުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުކްރޭން ބޯޑަރާ ގާތުގައި އޮންނަ ބްރިޔާސްކް އަވަށް ގޮތް ނޭނގޭ ބައިގަނޑެއް ވަދެ ދިން ހަމާލާއެއްގައި ދެ މީހުން މަރުވެ 10 އަހަރުގެ ކުއްޖަކު ވަނީ ޒަހަމްވެފަ އެވެ.

މި ހާދިސާއަށް ނިސްބަތްކޮށް ޕެޓް ރައިޑާއަށް ސުވާލު ދެންނެވުމުން ވިދާޅުވީ އެކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

ޔުކްރޭންގެ ޓެރަރިސްޓް ގުރޫޕްތަކުން ރަޝިއާއަށް ވަދެ އެކިވަރުގެ ހަމަލާތައް ދަނީ ދެމުންނެވެ. މި ފަދަ ހަމަލާތަކުގައި މަދަނީ ބިނާތަކަށާއި އާންމުމަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

ޔުކްރޭނުން ޓެރަރިސްޓް ހަމަލާތައް ރަޝިއާއަށް އަމާޒުކުރަނީ އެމެރިކާއިން ފޯރުކޮށްދޭ ޖާސޫސީ މައުލޫމާތައް ބިނާކޮށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ސެޓެލައިޓްގެ އެހީގައި ވަގުތުން ވަގުތަށް މައުލޫމާތު ފޯރުކޮށްދޭ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.