ދުނިޔެ

ޔުކްރޭން ޕައިލެޓުން ފުރަތަމަ ކުރަންޖެހޭ ކަމަކީ އިނގިރޭސި ބަސް ދަސްކުރުން: ޕެންޓަގަން

ޔުކްރޭނަށް ފައިޓަރު ޖެޓު ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ދާއިރު -- ޔުކްރޭނުން ވެސް ފުރިހަމަކުރަން ޖެހޭ ޝަރުތުތަކެއް ހުރި ކަމަށް އެމެރިކާގެ ދިފާއީ އިދާރާ، ޕެންޓަގަންގެ ތަރުޖަމާން ސަބްރީނާ ސިންގް ވިދާޅުވެއްޖެ އެވެ.

ނެދަލެންޑްސްއާ ޑެންމާކުން ޔުކްރޭނަށް ފައިޓަރު ޖެޓުތައް ފޮނުވަން އެމެރިކާގެ ހުއްދައަށް އޮތީ އެދިފަ އެވެ. މިކަމާ ގުޅިގެން ޕެންޓަގަނުން ބުނީ އެމެރިކާގެ ކިބައިން ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެ ގައުމުތަކަށް ދޭނެ ކަމަށެވެ. ނަމަވެސް، ޔުކްރޭނާށް ސީދާ އެމެރިކާއިން ފައިޓަރު ޖެޓުތައް ފޮނުވުމަކީ ރާވާފައި އޮތް ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ޕެންޓަގަންގެ ތަރުޖަމާން ވިދާޅުވީ ޔުކްރޭންގެ ޕައިލެޓުން އިނގިރޭސި ބަސް ދަސްކުރުމާއި އެފް16ގެ ފައިޓަރު ޖެޓްތައް ބަހައްޓާނެ ތަނަކާއި އަދި އޮޕަރޭޓްކުރެވޭނެ ގޮތް ޔުކްރޭނުން ހަމަޖައްސަން ޖެހޭ ކަމަށެވެ.

ޔުކްރޭންގައި އިނގިރޭސި ބަހުން ވާހަކައްކަން އެނގެނީ މަދު ޕައިލެޓަކަށް ކަމަށް ޕެންޓަގަނުން ބުންޏެވެ. ޕައިލެޓުންނަށް އިނގިރޭސި ބަސް ދަސްކޮށްދިނުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޕައިލެޓުންނަށް އިނގިރޭސި ބަސް ދަސްކޮށްދިނުމަށް އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޔުކްރޭން ޕައިލެޓުންނަށް ފައިޓަރު ޖެޓްތަކުގެ ޓްރޭނިން ނުދެވިގެން އުޅެނީވެސް އިނގިރޭސި ބަސް ނޭނގޭތީ ކަމަށް އެމެރިކާގެ ނޫސްތަކުން ވެސް އޮތީ ރިޕޯޓްކޮށްފަ އެވެ.

ޕޮލިޓިކޯގައި މިދާކަށް ދުވަހު އޮތް ރިޕޯޓެއްގައިވެސް މި ވާހަކަތައް ދައްކާފައިވެ އެވެ. ޕެންޓަގަންގެ ޖެނެރަލުންނާ ހަވާލާދީ ޕޮލިޓިކޯ ބުނި ގޮތުން -- ޔުކްރޭނަށް ފައިޓަރު ޖެޓުތައް ފޯރުކޮށް ދިނުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ޕައިލެޓުންނަށް އިނގިރޭސި ބަސް ނޭނގުމެވެ.

ޕައިލެޓުން ތަމްރީންކުރުމަށް ފުރަތަމަ ބުރުގައި 32 ޕައިލެޓުން ނަގާފައިވާއިރު ބޮޑު ކަމަށް އޮތީ އެ މީހުންނަށް ފައިޓަރު ޖެޓާ ގުޅުހުން ހުރި ބަހުރުވަ ދަސްކޮށްދިނުން ކަމަށްވެސް ހަބަރުތައް ބުނެ އެވެ.