ޔޫކްރޭން ހަނގުރާމާގައި އެމެރިކާ އާއި ނޭޓޯގެ ސިޔާސަތާ ގުޅުން ހުރި ސިއްރު ލިޔުންތައް ލީކުކުރި ބަޔަކުން އެނގިވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވެ އެވެ. އޭނާ އަދި ވިދާޅުވީ އެ ބަޔަކު ހޯދުމަށް އެމެރިކާ ނުފުރޮޅާ ގަލެއް ނުބާއްވާނެ ކަމަށެވެ.
އެމެރިކާގެ އަސްކަރީ ސިއްރު ލިޔުންތަކެއް އިންޓަނެޓަށް ލީކުވެފައި ވަނީ އެމެރިކާގެ ދިފާއީ އިދާރާ -- ޕެންޓަގަންގެ އިހުމާލުންނެވެ.
އޭޕްރީލް ކުރީކޮޅު ފާޅުވި މި މައްސަލާގައި ޕެންޓަގަން އޮތީ ވަރަށް ބޮޑަށް ބައިބައިވެފަ އެވެ.
އޮސްޓިން ވިދާޅުވީ ޖަސްޓިސް ޑިޕާޓްމަންޓުން މައްސަލަ ބަލަމުން ގެންދާ ދަނޑިވަޅެއްގައި މިކަމާ ބެހޭ ގޮތުން ބަހުސްކޮށް ވާހަކަދެއްކުން ރަނގަޅު ނުވާނެ ކަމަށެވެ. އެހެންނަމަވެސް، މި މައްސަލައިގެ ސީރިއަސްކަން ދޫކޮށްނުލައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ލިޔުންތައް ލީކުކުރި މީހަކު ނުވަތަ ސަބަބު ހޯދުމަށް ސެކިއުރިޓީ ބައިވެރިންނާ އެކު ޕެންޓަގަނުން މަސައްކަތްކުރާނެ ކަމަށްވެސް އޮސްޓިން ވިދާޅުވި އެވެ. އެހެންނަމަވެސް، ލިޔުންތައް ލީކުވީ ކޮން ދިމާއަކުން ކިހިނެއްކަން ދެނެގަނެވިދާނެ އެއްވެސް މިންވަރެއް އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ލޮއިންޑް އޮސްޓިން ވިދާޅުވި ގޮތުގައި ލިޔުންތައް ލީކުވިކަން އެނގިވަޑައިގަތީ ވެސް އިންޓަނެޓުން އެ ލިޔުންތައް ފެނިވަޑައި ގަތުމުންނެވެ. އޭގެ ކުރިން އެއީ އެއްގޮތަކަށް ވެސް ހީވެފައި އަދި އުއްމީދުކުރެއްވި ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އިންޓަނެޓުގައި މިހާރު ހުރި ލިޔުންތަކުގެ އިތުރު ލިޔުންތަކެއް ލީކުވެފައި ނެތް ކަމެއް ވެސް ޕެންޓަގަނަކަށް ނޭނގެ އެވެ. އޭނާ އަދި ވިދާޅުވީ ލީކުތަކުގެ ފަހަތުގައި ވަނީ އެޑްވާޑް ސްނޯޑަންއަށް ވުރެ ވެސް ކުޅަދާނަ، ސްމާޓް މީހެއް ކަމަށެވެ.
އެޑްވާޑް ސްނޯޑަން އަކީ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީގައި ކުރިން މަސައްކަތްކުރި އިންޓެލިޖެންސް ކޮންސަލްޓޭންޓެކެވެ. އޭނާ ދުނިޔެއަށް މަޝްހޫރުވީ 2013 ގައި، އެ ޑިޕާޓްމަންޓުގެ ސިއްރު ލިޔުންތަކެއް ލީކުކުރުމާ ގުޅިގެންނެވެ. އޭނާ މިހާރު ދިރިއުޅެނީ ރަޝިއާގައި -- އެއީ މިހާރު ރަޝިއާގެ ރައްޔިތެކެވެ.
ޕެންޓަގަން އިން ލީކުވި ލިޔުންތަކުގައި ދުނިޔޭގައި ހިނގަމުންދާ ސިޔާސީ ބޮޑެތި ހަރަކާތްތަކަށް އަލިއަޅުވާފައިވެ އެވެ. އޭގެތެރޭގައި ޔޫކްރެއިން ހަނގުރާމަ އާއި ޗައިނާ-ޓައިވާންގެ މަސްރަހު އަދި މެދުއިރުމަތީގެ ހާލަތު މައުލޫތަކަކަށް ހަދާފައިވެ އެވެ. އަދި މިކަންކަމުގައި އެމެރިކާ އާއި ނޭޓޯ އަމަލުކުރާނެ ގޮތްވެސް ވަނީ ހިއްސާކޮށްފަ އެވެ.