އެލްޖީއޭ

މިލަދޫ ކައުންސިލް އުވާލަން އެލްޖީއޭ އިން ނިންމައިފި

Jan 30, 2016

އެލްޖީއޭއިން ސީރިއަސް މައްސަލަތަކެއް ބަލަމުން އަންނަ، ނ. މިލަދޫ ކައުންސިލް އުވާލަން ފެންނަ ކަމަށް އެ އޮތޯރިޓީގެ ބޯޑުން މިއަދު ނިންމައިފި އެވެ. އުވާލަންދެން ކައުންސިލް ސަސްޕެންޑް ކުރަން ވަގުތީ އަމުރެއް ނެރެދޭން ހައިކޯޓަށް މައްސަލަ ހުށަހެޅުމަށް ވެސް އެލްޖީއޭގެ ބޯޑުން މިއަދު ނިންމި އެވެ. އެ ނިންމުން ނިންމީ އެލްޖީއޭގެ ބޯޑްގެ އަގުލަބިއްޔަތުންނެވެ. އަދި އުވާލުމުގެ މައްސަލަ ވެސް ހައިކޯޓަށް ހުށަހަޅާނެ އެވެ.

އެލްޖީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެގޮތަށް ބޯޑުން ނިންމީ ކައުންސިލް މެންބަރުންނާއި އިދާރީ މުވައްޒަފުންގެ ފަރާތުން ވަރަށް ސީރިއަސް މައްސަލަތަކެއް ފާހަގަވެފައިވާތީ އެވެ. އެލްޖީއޭ އިން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ކައުންސިލަރުން ދައުލަތުގެ ރަސްމީ އިދާރީ ލިޔެކިޔުންތަކުގެ އަސްލަށް ބަދަލު ގެނައުމާއި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނެ އެވެ. އެ މައްސަލަ ބެލުމަށް އެލްޖީއޭގެ ޓީމެއް އެ ރަށަށް ދިޔުމަށް ވަނީ ނިންމައިފަ އެވެ.