ރައްޔިތުންގެ މަޖިލިސް

ކެނދިކުޅުދޫ ކައުންސިލަށް އިންޒާރު ދިން މައްސަލަ ބަލަނީ

ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއް ބާތިލުކުރަން އަންގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އެރަށު ކައުންސިލުން ނޫސްބަޔާނެއް ނެރުމުން އެ ބަޔާން ބާތިލުކުރަން އެލްޖީއޭ އިން ވަނީ އަންގާފަ އެވެ.

އެލްޖީއޭގެ އިންޒާރާއި ގުޅިގެން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ އެލްޖީއޭގެ މި އަމަލު މަޖިލީހުން ބަލާނެ ކަމަށެވެ.

ކައުންސިލްތަކަކީ ގާނޫނީ ވަކި ޝަޚުސެއް ކަމަށާއި އަމިއްލަ ނަމުގަ ދައުވާ އުފުލާ އަދި ދައުވާ ލިބޭ ފަރާތެއް ކަން ގާނޫނުގައި ވަރަށް ސާފުކޮށް އޮންނަކަން ނިޔާޒް ވަނީ ފާހަގަކުރައްވާފަ އެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ އިންތިހާބަކަށް އިއުލާނުކުރުމުން އެ ގާނޫނަށް އެންމެން ތަބާވާންޖެހޭ ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ވަޑައިގެން، ކައުންސިލުގެ ރުހުން ނެތި، ކައުންސިލުން އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، ރައީސް ބައިވެރިވެޑައިގެންނެވި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

ރައީސް ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާ ވަކި ހިސާބަކުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެންދިޔައީ ސިޔާސީ ޕޯޑިއަމެއްގައި ރައީސް ނިސްބަތްވާ ސިޔާސީ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދެއްކެވި ވާހަކަފުޅަކަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެ ނޫސްބަޔާން ބާތިލުކުރުމަށް އަންގައި އެލްޖީއޭ އިން އެ ރަށު ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސްގެ ދަތުރުފުޅުތަކާ ގުޅިގެން އެފަދަ ބަޔާންތައް ނެރުމުގެ ބާރު ކައުންސިލްތަކަށް ނުލިބޭ ކަމަށެވެ.