އެލްޖީއޭ

ރައީސަށް ފާޑު ކިޔުމުން ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލުކުރަން އަންގައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ނ. ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އެރަށު ކައުންސިލުން ނެރުނު ނޫސްބަޔާން ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

ކެނދިކުޅުދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ވަޑައިގެން، ކައުންސިލުގެ ރުހުން ނެތި، ކައުންސިލުން އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، ރައީސް ބައިވެރިވެޑައިގެންނެވި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

ރައީސް ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާ ވަކި ހިސާބަކުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެންދިޔައީ ސިޔާސީ ޕޯޑިއަމެއްގައި ރައީސް ނިސްބަތްވާ ސިޔާސީ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދެއްކެވި ވާހަކަފުޅަކަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެ ނޫސްބަޔާން ބާތިލުކުރުމަށް އަންގައި އެލްޖީއޭ އިން އެ ރަށު ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސްގެ ދަތުރުފުޅުތަކާ ގުޅިގެން އެފަދަ ބަޔާންތައް ނެރުމުގެ ބާރު ކައުންސިލްތަކަށް ނުލިބޭ ކަމަށެވެ.