ޑރ. މުހައްމަދު މުއިއްޒު

ސީދާ ރައީސަށް ޝަކުވާ ހުށަހެޅޭ ގޮތް ހަދަނީ

ރައްޔިތެއްގެ އުދާސްތަކާއި ހިޔާލުތައް ސީދާ އެމަނިކުފާނަށް ހުށަހެޅޭނެ ގޮތް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކަންގަތި އެވޯޑް ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ސުވާލުކުރެވޭ ގޮތަށް، އެ ރައްޔިތެއްގެ އުދާސްތަކާއި ހިޔާލުތަކާއި އުއްމީދުތައް ސީދާ އެމަނިކުފާނަށް ހުށަހެޅޭ ގޮތް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް މިހާރު ދަނީ ހަދަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ އަޑުއައްސަވައިގެން ކަމަށެވެ. އެގޮތުން އެމަނިކުފާނުވެސް ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރައްވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މީގެއިތުރުން ރައްޔިތުންގެ ހާލު ބެލުމަށްޓަކައި މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހައި ރަށަކަށް، ދައުލަތުގެ ވަޒީރު ބޭފުޅުންނާއި ކުންފުނިތަކުގެ މަސްއޫލުވެރިން ހިމެނޭ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފުދުތައް ދަތުރުކުރާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ހިދުމަތް ކުރުމުގައި ބަލާނީ އެންމެ ކަމަކަށް ކަމަށެވެ. އެއީ ދިވެހި ރައްޔިތެއްތޯ އެކަނި ކަމަށެވެ.

ކަންގަތި އެވޯޑަކީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ލޯކަލް ކައުންސިލުތައް މިންކުރުމަށް އެކުލަވާލާފައިވާ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ދަރަޖަތައް ބަލައި ވަނަވަނައަށް އަންނަ ކައުންސިލުތަކަށް އެ އޮތޯރިޓީން ދެމުން އަންނަ އެވޯޑެކެވެ.