އެލްޖީއޭ

ކައުންސިލްތަކަށް ރަށެއް ލިބޭނެ ފަސޭހަ ގޮތެއް

ކައުންސިލްތަކުގެ އިހްތިސާސްގައި ނެތް ރަށް ރަށްވެސް ކައުންސިލަކަށް މަންފާވާ މަސައްކަތެއް ކުރުމަށް ހުށަހަޅާ ޕްރޮޕޯސަލެއް ވަޒަންކުރުމަށްފަހު ދޫކުރާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

މިކަމާ ގުޅޭ ގަވައިދު މިއަދު ގެޒެޓްކޮށްފައިވަނީ "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވާ އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވައިދު"ގެ ނަމުގައެވެ.

މިއީ ކައުންސިލްތަކުން އެދެމުން އައި ޒަމާންވީ އެދުމަކަށް ލިބިގެންދާ ބޮޑު ހައްލެއް ކަމަށް ސަރުކާރުން ދެކެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުމަށް އިންގިލާބީ ފިޔަވަޅެއް އެޅިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

ކައުންސިލްތަކަށް ރަށްތައް ދޫކުރަން ހަމަޖެހިފައިވަނީ ޕްރޮޕޯސަލް ހުށަހެޅުމުން އެ ހުށަހެޅުމެއް ވަޒަންކުރުމަށްފަހު އެވެ. މިމަސައްކަތް ކުރުމުގައި އިސް ދައުރެއް އަދާކުރާނީ ލޯކަލް ގަވަރުމަންޓް މިނިސްޓްރީންނެވެ.

ގަވައިދުގައިވާ ގޮތުން ރަށެއް ހޯދުމަށް ކައުންސިލަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން އެ ކައުންސިލެއް ނިސްބަތްވާ ރަށެއްގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަންޖެހެ އެވެ. ކައުންސިލުން ހޯދަން ބޭނުންވާ ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަވެސް ހޯދަންޖެހޭނެ.

އަތޮޅު ކައުންސިލްގެ ހުއްދަ ހޯދާ ގޮތަށް ހަމަޖައްސާފައިވަނީ އަތޮޅު ކައުންސިލްގައި ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް ހިމެނޭތީ މިއީ މުޅި އަތޮޅުގެ ރައްޔިތުންގެ ރުހުން އޮތް ކަމެއްކަން ނުވަތަ ނޫންކަން ކަނޑައެޅިގެންދާނެތީ އެވެ.

ކައުންސިލަކުން ފަޅު ރަށެއް ހޯދުމަށް ހުށަހަޅާ ތަފްސީލު ރިޕޯޓުގައި ކުއްޔާ ބެހޭ ބައި ނުހިމަނާ ވެސް ޕްރޮޕޯސަލް ހުށަހެޅެ އެވެ. އަދި މިފަދަ ހުށަހެޅުންތަކާ ގުޅިގެން ދޫކުރެވޭ ފަޅުރަށް ކުއްޔަކާ ނުލައި ދޫކުރެވޭނެ ގޮތް ހަމަޖެހިފައިވެ އެވެ.

ގަވައިދުގައިވާ ގޮތުން ކައުންސިލްތަކުން ރަށެއް ހޯދުމަށް ހުށަހެޅޭނީ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅު ރަށަކަށެވެ. ނަމަވެސް އެ އަތޮޅުގައި ރަށެއް ނެތް ނަމަ، އެހެން އަތޮޅަކަށް ނިސްބަތްވާ ރަށެއް ހޯދުމުގެ ފުރުސަތުވެސް ގަވައިދުގައި ދަށުން ފަހިކޮށްދީފައިވެ އެވެ. މި ދެ ހާލަތުގައިވެސް، އެ އިދާރީ ދާއިރާގެ އަތޮޅު ކައުންސިލުގެ ހުއްދަ، ލިޔުމުން ހޯދަންޖެހެ އެވެ.

ކައުންސިލްތަކުން ތަފްސީލު ރިޕޯޓު ހުށަހަޅާއިރު، އެއް ކައުންސިލަކަށް ވުރެ ގިނަ ކައުންސިލަކުން ގުޅިފައިވާ ހުށަހެޅުމެއްގެ ތެރެއިންވެސް ރަށެއް ހޯދުމުގެ ފުރުސަތު ގަވައިދުގެ ދަށުން ލިބެ އެވެ.

މިގަވައިދުގެ ދަށުން ކައުންސިލްތަކަށް ފަޅު ރަށްރަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 10 އަހަރަށެވެ. ކައުންސިލަކަށް ދޫކުރާ ރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަކި މިންގަނޑުތަކެއް ހިފެހެއްޓުމަށްވެސް ގަވައިދު ލާޒިމުކުރެ އެވެ.

ރަށްތަކުގައި ކުރެވޭނެ ބޭނުންތައް

  • ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން
  • ތަކެތި ގުދަންކުރުން
  • ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން
  • ދޫނި ގެންގުޅުން
  • މަސްކައްކައި ހިއްކުން
  • ލޮނުމަހުގެ މަސައްކަތް ކުރުން
  • ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން
  • އެކުއަކަލްޗާގެ މަސައްކަތް ކުރުން
  • ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން
  • ދިރޭމަސް ގެންގުޅުން
  • އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން
  • ފައިބަރުގެ މަސައްކަތް ކުރުން
  • ވަޑާމުގެ މަސައްކަތް ކުރުން
  • ވާކްޝޮޕް ހެދުން
  • އެޅިގަލުގެ މަސައްކަތް ކުރުން
  • ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ޚިދުމަތް ދިނުން
  • ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން

މިގަވައިދުގެ ގެޒެޓް ކުރުމުގެ ކުރިން ރަށެއް ކައުންސިލަކަށް ލިބެނީ ބަލަހައްޓާ އުޞޫލުން އެކަންޏެވެ. މި އުސޫލުން ރަށެއް ލިބުނު ނަމަވެސް ކުރެވޭނީ ނިސްބަތުން މަދު ކަމެކެވެ. އެގޮތުން އޭރު ކުރެވެނީ ކާށި ނުވަތަ ފަންހޮވުން، އެއްވެސް ގަހެއް ނުކަނޑައި ކުދިގަހުގެ ނާސަރީއެއް ހެދުން، އަވަހަށް ހެދޭ ބާވަތުގެ ބައެއް ތަރުކާރީ ހެއްދުން، ރުއްގަސް އަދި ބަނބުކެޔޮފަދަ ބޮޑެތި ގަސް އިންދުން އަދި ގޮނޑުދޮށުން މަސްހިފުން ފަދަ މަދު ކަމެކެވެ.

އާ ގަވައިދު މިއަދު ގެޒެޓް ކުރި ނަމަވެސް މިގަވާއިދަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން އެއްމަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ ސަރުކާރުން ކަނޑައަޅައި އިއުލާނުކޮށްފައިވާ ރަށްތަކަކަށް އެކަންޏެވެ. އެ ރަށްތަށް ވަރަށް އަވަހަށް ސަރުކާރުން އިއުލާންކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފައިވެ އެވެ.