މީހުން

މުސްލިމު އިލްމުވެރިޔާ އަލް ރާޒީ

އަބޫ ބަކްރު މުހައްމަދު އިބްނި ޒަކަރިއްޔާ އަލް ރާޒީ އުފަންވެވަޑައިގެންފައިވަނީ މީލާދީން 864 ގައި އިރާންގެ ރޭއި ގަ އެވެ.

އަލް ރާޒީގެ ޅަދުވަސްވަރު ޝައުގުވެރިކަން ހުރީ މިޔުޒިކާ މެދު އެވެ. ނަމަވެސް ފަހުން މެޑިސިން މެތްމެޓިކްސް އެސްޓްރޮނޮމީ ކެމިސްޓްރީ އަދި ފިލޯސޮފީ އުނގެނިވަޑައިގެންފައިވަނީ ގަދީމީ ގްރީކް އާއި ޕާޝިއަން އަދި އިންޑިއާގެ ބޭސްވެރިކަމަށް އަރާހުންނެވި ހުނޭން އިބްނި އިސްހާގުގެ ފަރާތުންނެވެ. މީގެ އިތުރުން އަލީ އިބްނި ރައްބާންގެ އަރިހުންވެސް އުނގެނިވަޑައިގަތެވެ.

މަޝްހޫރު މުގްތަދާރީ ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމުގެ ތެރޭގައި އޭނާ ބޭސްވެރިކަމަށް ކުރިއަރައި އެ ދާއިރާ އިން ކުރިއަށް ވަޑައިގަތެވެ. އޭނާގެ ޒުވާން ދުވަސްވަރު ބޭސްވެރިކަމަށް ކުރިއެރިވަރުން އެދުވަސްވަރުގެ ބޭސްވެރިކަމުގެ މާހިރަކަށްވެ އޭނާގެ އަރިހަށް ބޭސްވެރިކަން ދަސްކުރުމަށް އެތަކެއް ދަރިވަރުންނާއި މީހުން އޭޝިއާގެ ދުރުހިސާބުތަކުންވެސް އައެވެ.

އަލް ރާޒީ އެންމެ ފުރަތަމަ މަސައްކަތް ކުރައްވާފައިވަނީ އިރާނުގެ އެދުވަސްވަރުގެ ޝާހީ ރޭއި ހޮސްޕިޓަލުގަ އެވެ. އަދި ފަހުން ބައުދާދަށް ބަދަލުވެ ވަޑައިގެން މަޝްހޫރު މުގްތަދާރީ ހޮސްޕިޓަލުގެ ހިންގުމާއި ގިންދުވަސްތަކެއް ވަންދެން ހަވާލުވެ ވަޑައިގަތެވެ. އޭނާ އަކީ އާއްމު ގޮތެއްގައި އެކި ސިޓީތަކަށް ޒިޔާރަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ހާއްސަކޮށް ރޭއި އާއި ބައުދާދާއި ދެމެދު މަސައްކަތުގައި ހޭދަ ކުރެއްވި އެވެ. އިރާނުގެ ތެހެރާން ކައިރީ ހުންނަ ރާޒީ އިންސްޓިޓިއުޓް އަކީ އޭނާ އަށް ނިސްބަތްވާ އިލްމީ މަރުކަޒެކެވެ.

އޭނާގެ ބޭސްވެރިކަމުގެ ހުނަރު މަތިކަމުން އޭނާއާއި އިބްނި ސީނާ އާއި އަޅާކިޔާފައިވެ އެވެ. އޭނާގެ ބޭސްވެރިކަމުގެ ފޮތްތައް ކަމުގައިވާ ކިތާބުލް މަންސޫރީ އާއި އަލް ހާވީ އާއި ކިތާބުލް މުލޫކީ އާއި އަދި ކިތާބުލް ޖުދާރީ ވަލް ހަސަބާ އަކީ އަބަދަށްމެ ތައުރީފް ލިބިގެން އައިސްފައިވާ ފޮތްތަކެވެ. އޭނާ އަރަބި އަދި ގްރީކް ބޭސްވެރިކަމުގެ 10 ވޮލިއުމެއް ގެނެސްފައިވާއިރު އެ ފޮތްތައް 15 ވަނަ ގަރުނުގައި ލެޓިނަށް ތަރުޖަމާ ކުރެވި އަދި އޭގެއިން ބައެއް ފޮތްތައް ޔޫރަޕްގައި ވަކިން ޕަބްލިޝް ކޮށްފައިވެ އެވެ.

އަލް ރާޒީ ލިޔުއްވި އަލް ޖުދާރީ ވަލް ހަސަބާ އަކީ އެންމެ ފުރަތަމަ ސްމޯލް ޕޮކްސް އަދި ޗިކަން ޕޮކްސް ބަލިތަކާ ބެހޭގޮތުން އެކުލަވާލެވިފައިވާ ފޮތްތަކެވެ. މިބަލިތަކާއި ބެހޭ އިތުރު ދިރާސާ ބިނާވެފައިވަނީ އަލް ރާޒީ ގެ މި މަސައްކަތުގެ މައްޗަށެވެ. ހަމަ އެހެންމެ އަލް ހާވީ އަކީ އެދުވަސްވަރުގެ މެޑިކަލް އެންސައިކްލޮޕީޑިއާ އެކެވެ. އޭނާގެ ބޭސްވެރިކަމުގެ ލިޔުންތަކުގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ އޭނާ ބަލިތަކަށް ފަރުވާ ދިނުމުގައި އިސްކަންދެއްވި ކެއުން ބުއިމުގެ ރަނގަޅު އާދަތަކަށް ދެއްވި އިސްކަމެވެ. ހަމަ އެހެންމެ އެއާއި ވިދިގެން ނަފްސާނީ ދުޅަހެޔޮކަމަށް އޭނާ ދެއްވި އަހައްމިއްޔަތުކަން ފާހަގަ ކޮށްލެވެ އެވެ. އަލް ރާޒީ ވެސް ބަލިތަކަށް ފަރުވާ ދިނުމުގެ ކުރިން ބޭސްތަކުގެ ރަނގަޅު އަދި ގޯސް އަސަރުތައް ދެނެގަތުމަށް ޖަނަވާރުން މެދުވެރިކޮށް ތަހުލީލުތައް ކޮށްފައިވެ އެވެ.

އަލް ރާޒީ އަކީ މަގުބޫލު ސާޖަނަކަށް ވުމުގެ އިތުރަށް ހޭނެއްތުމަށްޓަކައި އޮޕިއަމް އެންމެ ފުރަތަމަ ބޭނުންކުރަން ފެއްޓި ބޭސްވެރިޔާ އެވެ. އޯގަނިކް އަދި އިންއޯގަނިކް ކެމިސްޓްރީ އަށް މަގުފަހިވެގެންގޮސްފައިވަނީ އޭނާ ކުރެއްވި އިލްމީ މަސައްކަތުގެ މައްޗަށެވެ. އޭނާ އަކީ އެންމެ ފުރަތަމަ ސަލްފިއުރިކް އެސިޑް އުފެއްދި އިލްމުވެރިޔާ އެވެ. ހަމަ އެހެންމެ ފޮނި ކާނާގެ ބާވަތްތައް ފާމެންޓް ކޮށްގެން އެލްކޮހޮލް އުފައްދާފައިވެ އެވެ.

އަލް ރާޒީ އިލްމީ ގޮތުން 200 ފޮތެއް ލިޔުއްވާފައިވާ އިރު އޭގެތެރެއިން 21 ފޮތް ހާއްސަކޮށްފައިވަނީ ބޭސްވެރިކަމަށެވެ. އޭނާގެ ނަޒަރިއްޔާތުގައި ޓައިމް އެންޑް ސްޕޭސް ކޮންޓިނިއުއޭޝަން އެއީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އޭނާގެ ފޮތްތައް ޕެރިސް ޔޫކޭ އިރާން އަދި ރާމްޕޫރު ގެ އިތުރުން ބަންކީޕޫރު ގެ ލައިބްރަރީ ތަކުގައިވެ އެވެ. އޭނާގެ މަސައްކަތްތައް ސައެންސަށް ބިނާކޮށްފައިވާއިރު ވަކީން ހާއްސަކޮށް ބޭސްވެރިކަމުގެ ދާއިރާއަށް އިސްކަންދެއްވާފައިވެ އެވެ.