ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޕްލޭނިން މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މައުލޫމާތު ހާމަކުރުމަށް ހައިކޯޓުން ވެސް ހުކުމްކޮށްފި އެެވެ.
އަމީނީ މަގު ހެދުމުގެ އެއްބަސްވުމުގެ މައުލޫމާތާއި ކުރެހުން ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. މި މައުލޫމާތު ފަސް ދުވަހުގެ ތެރޭގައި ހާމަކުރުމަށް އައިކޮމް ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ނަމަވެސް، ޕްލޭނިން މިނިސްޓްރީން ބުނާ ގޮތުގައި އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަމީނީ މަގު ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި އެ މިނިސްޓްރީއާއި ދެމެދު ވެފައިވާ އެއްބަސްވުމަކީ ތިންވަނަ ފަރާތަކާ ހިއްސާކުރެވޭނެ މައުލޫމާތެއް ނޫނެވެ.
މި މައްސަލައިގައި އައިކޮމް އިން ނިންމީ އެއްބަސްވުމުގައި އެފަދައިން ބަޔާން ކޮށްފައި އޮތް ނަމަވެސް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހިއްސާކުރަންޖެހޭނެ ކަމަށެވެ. އައިކޮމްގެ މި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރީ ސަރުކާރުންނެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގައި ބައެއް ކަހަލަ މައުލޫމާތު ހާމަކުރުމުގައި އިސްތާނާ ހާލަތްތަކެއް ކަނޑައަޅާފައިވެ އެވެ. ނަމަވެސް މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމްކޮށްފައިވަނީ އަމީނީ މަގުގެ އެއްބަސްވުމުގެ މައުލޫމާތު ހާމަކުރަން ނުޖެހޭ ސަބަބެއް ޕްލޭނިން މިނިސްޓްރީއަށް ސާބިތުކޮށްދެވިފައި ނެތް ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީން ބުނާ ތިންވަނަ ފަރާތަކީ އާރްޑީސީ ކަމަށްވެފައި އެއީ ދައުލަތުގެ އިދާރާގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކުންފުންޏަކަށްވާތީ މައުލޫމާތު ހާމަނުކުރަން ގާނޫނުގައި ދީފައިވާ އިސްތިސްނާގެ ތެރޭގައި މި އެއްބަސްވުން ނުހިމެނޭ ކަމަށްވެސް ހައިކޯޓުން ނިންމާފައިވެ އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ ނިމިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ.
މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.
އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ.