ދުނިޔެ

ޔޮޝީތާ ރާޖަޕަކްސަ ހަތްޔަރު ކުރީ ހަތް ގަޑިއިރުވަންދެން ސުވާލު ކުރުމަށްފަހު

ކޮރަޕްޝަންގެ ތުމަތުގައި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ޔޮޝީތާ ރާޖަޕަކްސަ ހައްޔަރު ކުރުމުގެ ކުރިން ހަތް ގަޑި އިރު ވަންދެން ސުވާލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ޔޮޝީތާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ޔޮޝީތާ ރޭ ހައްޔަރު ކުރިއިރު އޭނާއާ އެކު އެގައުމުގެ އިތުރު ހަތަރު މީހުން ވެސް ހައްޔަރުކުރި އެވެ. އެ ހަތަރު މީހުން ވެސް ހައްޔަރުކޮށްފައިވަނީ ރާޖަޕަކްސަގެ ވެރިކަމުގައި ކޮރަޕްޝަންގެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވިގެންނެވެ. ނަމަވެސް އެމީހުންނާ ހިލާފަށް ޔޮޝީތާ ހައްޔަރު ކުރުމުގެ ކުރިން ހަތްގަޑި އިރު ވަންދެން ފުލުހުން ވަނީ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުތައް ފެންމަތި ކުރުވާފަ އެވެ.

އޭނާގެ ތަހުގީގަށް ދެ ހަފުތާގެ ބަންދުގެ މުއްދަތެއް ކޮޑުވެލަ މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފަ އެވެ.

ޔޮޝީތާ ހައްޔަރުކޮށްފައިވާއިރު، އޭނާ އަކީ މިހާރުވެސް ސްރީލަންކާ ނޭވީގެ އޮފިސަރެކެވެ. އަދި އޭނާވަނީ މީގެ ކުރިން ސްރީލަންކާ ނެޝަނަލް ރަގަބީ ޔުނިއަން ޓީމާއި ނޭވީ އެސްސީ ޓީމް ގެ ކެޕްޓަންކަން ވެސް ކޮށްފައެވެ. އަދި އޭނާގެ ބައްޕާފުޅުގެ ވެރިކަމުގައި، ބައްޕާފުޅައި ވަރަށް ގާތުން މަސައްކަތްކޮށް، އެސިސްޓެންޓެއްގެ މަގާމް ވެސް އަދާކުރެއްވި އެވެ.

ޔޮޝީތާއަށް ތުހުމަތު ކުރަނީ ރާޖަޕަކްސަގެ ވެރިކަމުގައި އޭނާގެ އަމިއްލަ ޓީވީ ސްޓޭޝަން ކާލްޓަން ސްޕޯޓްސް ނެޓްވޯކް (ސީއެސްއެން) ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލަކާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ނުދެއްކުމާއި، ސްޓޭޝަންގެ އާއްމު މަސައްކަތްތަކަށް ސަރުކާރު މުދަލާއި އުޅަނދުފަހަރު ބޭނުން ކުރުން ހިމެނެއެވެ.

ޔޮޝީތާ ހައްޔަރުކޮށްފައިވަނީ އޭނާގެ އާއިލާގެ މައްޗަށް ކޮރަޕްޝަންގެ އަމަލުތަކެއް ތުހުމަތުކުރެވޭތީ، އެކަންކަން ތަހުގީގުކޮށް، ހަގީގަތް ބަލާނެކަމަށް ސްރީލަންކާގެ މިހާރުގެ ރައީސް ސިރިސޭނާ ވައުދުވެވަޑާއިގެންނެވި ފަހުންނެވެ.