މީހުން

މުސްލިމު ސައްޔާހް އިބްނު ބަތޫތާ

އަބޫ އަބްދުﷲ މުހައްމަދު އިބްނު ބަތޫތާ ނުވަތަ ޝަމްސުއްދީން އުފަންވެވަޑައިގެންފައިވަނީ މީލާދީން ފެބްރުއަރީ 24، 1304 ގައި މޮރޮކޯގެ ތަންޖާގަ އެވެ.

އިބްނު ބަތޫތާ މޮރޮކޯ ދޫކޮށް ވަޑައިގަތީ އޭނާގެ އުމުރުން 21 އަހަރުގަ އެވެ. އުމުރުން 30 އަހަރު ވަންދެން ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރު ކުރެއްވުމުގައި އޭނާ ވަގުތު ހޭދަކުރެއްވި އެވެ. އެއިގެ ފަހުން މޮރޮކޯގެ ފާސް އަށް އެނބުރިވަޑައިގެން ސުލްތާން އަބޫ އިނާންގެ ދަރުބާރަށް އޭނާގެ ތަޖުރިބާ ހުށަހަޅައި އިބްނު ޖުޒައްޔަށް އޭގެ ތަފްސީލް ލިޔުންތައް އެރުވި އެވެ. އެއީ އޭނާގެ މަޝްހޫރު ރިހްލާ ނުވަތަ އިބްނު ބަތޫތާގެ މަޝްހޫރު ދަތުރުނާމާ ފޮތެވެ.

އިބްނު ބަތޫތާ އަކީ މެޑީވަލް ޒަމާނުގައި މުސްލިމުންގެ ކޮންމެ ވެރިކަމެއް އޮތް ގައުމަކަށް ނުވަތަ ތަނަކަށް އެދުވަސްވަރު ވަޑައިގަތް ހަމައެކަނި ދަތުރުވެރިޔާ އެވެ. ސިލޯނުން ޗައިނާއިން ބައިޒެންޓިއަނުން ދެކުނު ރަޝިއާ އަށް ދަތުރުކުރެއްވި އެވެ.

އޭނާގެ ދަތުރުގެ ރާސްތާގެ ދިގުމިން 75،000 މޭލަށް ވުރެ ބޮޑެވެ. އެއީ ސްޓީމް އިންޖީނުގެ ޒަމާނުގައި ނޫނީ އެއިގެ ކުރިން ދަތުރުކުރެވިދާނެ ކަމަށް ނުބެލެވޭ ވަރުގެ އަދަދެކެވެ.

އިބްނު ބަތޫތާ ފެއްޓެވި ދިގު ދަތުރުގައި އެންމެ ފުރަތަމައަށް އޭނާ ވަޑައިގަތީ އަލްޖީރިއާއިން ޓިއުނީޝިއާ އަށެވެ. އޭގެ ފަހުން މިސްރުން ފަލަސްތީނުން ސީރިއާއިން މައްކާއަށް ވަޑައިގަތެވެ. އިރާގްއާއި ޝިރާޒް އިން މެސޮޕޮޓޭމިއާ އިން އަނެއްކާވެސް މައްކާ އަށް ހައްޖުވުމަށް ވެސް ވަޑައިގަތެވެ. އެފަހަރު މައްކާގައި ތިން އަހަރު ވަންދެން މަޑުކުރެއްވި އެވެ. އަދި ޖިއްދާއަށް ވަޑައިގެން ކަނޑުމަގުން ޔަމަނަށް ވަޑައިގަތެވެ. ޔަމަނުގެ އަދަނުން އިރުމަތީ އެފްރިކާގެ މޮމްބާސާއަށް މިސްރާބު ޖެއްސެވި އެވެ. އޭގެ ފަހުން ޓެންޒޭނިއާގެ ކުލްވާ އިން އޮމާނުން މައްކާ އަށް ގޮސް 1332 ވަނަ އަހަރު ހައްޖުވި އެވެ.

ފަހުން ކުވައިތުން ބަހުރެއިނުން ސައުދީގެ ޔަމާމާއަށް ވަޑައިގަތެވެ. އެއަށްފަހު އިންޑިއާ އަށް ދިއުމަށް ޖިއްދާއަށް ގޮސް ހިޔާލުބަދަލުވެ (އުޅަނދު ލިބުމުގައި ދަތިތައް ހުރުމުން ކަމަށް ބެލެވޭ) މިސްރަށް ވަޑައިގެން ފަލަސްތީނުން ސީރިއާ އަށް ވަޑައިގަތެވެ. އަދި ކަނޑުމަގުން އޭޝިއާ މައިނާ އަށް ވަޑައިގެން އަނަތޯލިޔާ ހުރަސްކޮށް ސިނޮޕް އަށް ވަޑައިގަތެވެ. އެތަނުން ބްލެކް ސީ ހުރަސްކޮށް ޔޫކްރޭންގެ ދެކުނުން ކޮންސްޓަންޓިނޯޕްލް އަށް މިސްރާބު ޖެއްސެވި އެވެ. އަނބުރައި އައުމުގެ މަގުމަތީގައި ހުރާސާނުން ބުހާރާއިން ހުޅަނގު އޭޝިއާގެ ބަލްކް އިން ހިރާތު އަދި ތޫސް އިން މަޝްހަދުން ނީޝާބޫރުން ހިންދުކުޝް ފަރުބަދަތައް ހުރަސްކޮށް އަފްއާނިސްތާނަށް ވެސް ދަތުރުކޮށް އެތަނުގެ ގަނީ އިން ކާބުލް އިން އިންޑިއާ އަށް ވަޑައިގަތެވެ.

އޭގެފަހުން ލަހްރީ (މިހާރުގެ ކަރާޗީ) އަށް ވަޑައިގެން ސުއްކޫރު އިން މުލްތާނުން ސިރްސާއިން ހަންސީ އިން ދިއްލީއަށް ވަޑައިގަތެވެ. އެތަނުގައި ސުލްތާން މުހައްމަދު ތުގްލަގްގެ އަރިސް ބޭފުޅެއްގެ ގޮތުގައި އެތަކެއް އަހަރެއް ވަންދެން ހުންނެވި އެވެ. ސުލްތާން ތުގްލަގްގެ ހާއްސަ މުޝީރެއްގެ ގޮތުން ޗައިނާއަށް ވަޑައިގަތެވެ. އަދި މެދުތެރޭ އިންޑިއާއިން މަލްވާއަށް އަދި ކަމްބޭއިން ގޯއާ އަށް ބޯޓެއްގައި ވަޑައިގަތެވެ. އަދި މަލަބާރުގެ ބަނަދަރުމަތީ ތަންތަނުން ދަތުރުކުރަމުން ގޮސް ދިވެހިރާއްޖެ އަށް ވަޑައިގެން އެއަށްފަހު ސިލޯނަށް ވަޑައިގަތެވެ.

އެދަތުރު ކުރައްވަމުން ވަޑައިގެން ކޮރޮމަންޑަލް އަށް އާދެވި އޭގެފަހުން އަނެއްކާވެސް ދިވެހިރާއްޖެ އަށް ވަޑައިގަތެވެ. ދިވެހިރާއްޖެ އަށްފަހު ބެންގޯލުން ކަމްރުޕް އިން ސިލެޓް އިން ސޮނަރުގައުން އަށް ވަޑައިގަތެވެ. އެތަނުން އަރަކަން ބަނދަރުން ސުމަޓްރާއަށް ވަޑައިގެން ކެންޓޮންގައި މަޑުކުރައްވުމަށްފަހު ކެމްބޯޑިއާ އިން މަލަކާ އަށް ވަޑައިގަތެވެ.

ދެން ޗައިނާގެ އުތުރުން ހަންޗޯން ހުރަސްކޮށް ޕީކިންގް އަށް ވަޑައިގަތެވެ. ފަހުން އަނެއްކާވެސް ކަލިކަޓް އަށް ވަޑައިގެން ބޯޓެއްގައި ދަފަރީ އިން މަސްކަޓް އިން އިރާން ހުރަސްކޮށް އިރާގް އާއި ސީރިއާއި ފަލަސްތީން އަދި މިސްރުން މައްކާއަށް ވަޑައިގެން ހަތްވަނަ ހައްޖުވެ ވަޑައިގަތީ ނޮވެމްބަރު 1348 ގައެވެ. އޭގެފަހުން މޮރޮކޯގެ ފާސްއަށް ވަޑައިގެން މުސްލިމް ސްޕޭނަށް ވަޑައިގެން ސަހަރާ ހުރަސްކޮށް އުތުރު އެފްރިކާގެ ނައިޖާ އަށް ވަޑައިގަތެވެ. ފާސް އަށް އެނބުރިވަޑައިގެން ސުލްތާން އަބޫ އިނާންގެ ދަރުބާރަށް އޭނާގެ މަސައްކަތް ހުށަހަޅައި އިބްނު ޖުޒައްޔާއި އެފޮތް އެކުލަވާލުމަށް ހަވާލުކުރެވުނެވެ. އަދި ތިންމަސް ފަހުން ޑިސެމްބަރު 9، 1355 ގައި އިބްނު ބަތޫތާގެ ތާރީހީ ދަތުރުނާމާ އެކުލަވާލެވުނެވެ.

އިބްނު ބަތޫތާ އަކީ ޖިއޮގްރަފީއަށް ދުނިޔޭގައި އެންމެ ބޮޑު ހިދުމަތެއް ކުރެއްވި އެއް ބޭފުޅާ އެވެ. މާކޯ ޕޯލޯ ޗައިނާއަށް ދަތުރުކުރިތާ 60 އަހަރު ފަހުން އިބްނު ބަތޫތާ ވަނީ ޗައިނާ އަށް ދަތުރުކުރައްވާފަ އެވެ. އިބްނު ބަތޫތާގެ ދަތުރުތައް ވެގެންގޮސްފައިވަނީ މުސްލިމު އުއްމަތަށް އަދި މުޅި ދުނިޔެއަށް ޖިއޮގްރަފީގެ ރޮނގުން ކުރެއްވި މަތިވެރި މަސައްކަތެއްގެ ގޮތުގަ އެވެ.