ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޤުރުއާން ކިޔެވުމާއި އަޅުކަމަށް އިސްކަންދެއްވާ: ރައީސް

Mar 23, 2023

މިއަދު ފެށުނު ރަމަޟާން މަހު، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރުއާން ކިޔެވުމުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީޙް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެހިތޯބުގައެވެ.

ރައީސްގެ ހިތޯބުގައި ވަނީ ރަމަޟާން މަހަކީ، ކީރިތި ޤުރުއާން ކިޔެވުމާއި ދުއާ ކުރުން ގިނަކޮށް، އަޅުކަންތައް ކުރުމުގައި ހީވާގިވުމާއެކު، އަނެކުންނަށް އެހީ ފޯރުވުމާއި ދީލަތިވުމުގައި އަތްތައް ހުޅުވައިލަންވީ މައްސަރުކަން ފާހަގަކުރައްވާފަ އެވެ.

މިއީ އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް އިސްލާހުކޮށް، ހަޔާތުގެ އާބާތުރަ ފިލުވައި، އިސްލާހުގެ މަގުގައި ދިރިއުޅުން އަލުން އާރާސްތުކުރުމަށް، މާތްﷲ ދެއްވާ މަތިވެރި ފުރުސަތެއް
އިބްރާހީމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސްގެ ހިތޯބުގައި އިތުރަށް ވިދާޅުވީ ރޯދައިގެ އެންމެ މަތިވެރި ރޫހާނީ ފިލާވަޅަކީ އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން، އަލުން އާލާކޮށް ބަދަހިކުރުން ކަމަށެވެ. އަދި ރޯދައިގެ އިޖުތިމާއީ ފިލާވަޅަކީ، އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައިއުޅުމާއެކު، އެކުވެރިކަމާއި ސުލްހަމަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުން ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ ހިތޯބު ނިންމަވާލެއްވީ މި މާތް މައްސަރުގެ ނިއުމަތްތަކާއި ރަޙްމަތާއި ދަރުމައާއި ޘަވާބު، އުންމަތަށް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވަމުންނެވެ.