އުރީދޫ

އުރީދޫން އާންމުންނަށް ކޮންމެ ހުކުރު ދުވަހަކު ރޯދަ ވީއްލުން

Mar 25, 2023

އުރީދޫ މޯލްޑިވްސްގެ "ކޮމިއުނިޓީ އިފްތާރު"ގެ ފުރަތަމަ ރޯދަ ވީއްލުން ބާއްވައިފި އެވެ.

އުރީދޫން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ފެށި "ކޮމިއުނިޓީ އިފްތާރު" ގައި އިއްޔެ ވަނީ ސަލްމާން މިސްކިތުގައި އާންމުންނަށް ރޯދަ ވީއްލުމެއް ދީފަ އެވެ.

އުރީދޫ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ބޭއްވި މި ރޯދަ ވީއްލުމުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ. ރޯދަ ވީއްލުމަށް ކާއެއްޗެހި ފޯރުކޮށްދިނީ ލެސޫކް ރެސްޓޯރަންޓުންނެވެ.

ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު އާންމުންނަށް ރޯދަ ވީއްލުމެއް ދިނުމަށް އުރީދޫން ވަނީ ނިންމާފަ އެވެ.

އުރީދޫން ބުނި ގޮތުގައި ރޯދަ ވީއްލުމުގެ ހަރަކާތުގެ ބޭނުމަކީ އެކަކު އަނެކަކަށް އެހީތެރިވުމަށް މިސާލު ދައްކައި ހިތްވަރު ދިނުމެވެ.

ރޯދަ މަހަށް ހާއްސަކޮށް އުރީދޫން ވަނީ އެމް-ފައިސާ މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް އިފްތާރު ޕެކް ހަދިޔާކުރެވޭނެ ގޮތް ހަމަޖައްސާފަ އެވެ.

އެގޮތުން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.