އުރީދޫ މޯލްޑިވްސް އިން ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ "ބޮކި ބޯޅަ" މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕާ ފުޓްބޯޅަ އެވެ. މި މުބާރާތް އިންތިޒާމުކޮށްފައިވަނީ އުރީދޫގެ ބްރޭންޑް އެމްބަސަޑާ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި އެކު އެވެ.
ބަމްޕާ ފުޓުބޯޅައިގެ މަޖާ ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދުމަށް ކޯޕަރޭޓްތަކަށް އުރީދޫގެ ޕޯޓަލް މެދުވެރިކޮށް މިހާރު ރަޖިސްޓާ ވެވޭނެ އެވެ.
މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުން އަށްވަނަ ދުވަހަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން އެޕްރީލް ފުރަތަމަ ދުވަހުގެ ރޭ 11:59 ގެ ކުރިން ރެޖިސްޓްރޭޝަން ފުރިހަމަކުރަން ޖެހެ އެވެ.
މުބާރާތުން މޮޅުވާ ޓީމުތަކަށް ހާއްސަ އަގުހުރި އިނާމުތަކެއްވެސް ލިބޭނެ އެވެ. އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާ ލިބޭއިރު ދެ ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މުބާރާތުގައި ބައިވެރިވާ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެއް ސެމީ ފައިނަލަށް ދަތުރުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ އެވެ. 12 އަށް ވުރެ ގިނަ ޓީމު ރަޖިސްޓްރީކޮށްފި ނަމަ ޓީމުތައް ހޮވާނީ ލަކީ ޑްރޯއަކުންނެވެ. ކޮންމެ ޓީމެއްގައި އަށް ކުޅުންތެރިންނާއި ގިނަވެގެން ތިން އޮފިޝަލުން ތިބެންޖެހެ އެވެ. މެޗެއް ފަށަން މަދުވެގެން ފަސް ކުޅުންތެރިން ބޭނުންވާނެ އެވެ.
މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާއިރު، ތިން މިނެޓުގެ ބްރޭކަކާއެކު ދެ ހާފް ހިމެނޭނެ އެވެ. ގްރޫޕު ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ. ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އުރީދޫއިން ވަނީ ރޯދަ މަހު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް އިވެންޓް ކަމަށްވާ އުރީދޫ މަސްރޭސް ބާއްވާފަ އެވެ. އެހެން ނަމަވެސް ކަސްޓަމަރުނާއި ބައިވެރިންގެ ފީޑްބެކްގެ މައްޗަށް ބިނާކޮށް މަސްރޭސް މިއަހަރުގެ ރޯދަ މަހަށްފަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
އުރީދޫން ބުނި ގޮތުގައި ކުންފުނީގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް މަސްރޭހުގެ އާ ތާރީހުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ.