ދުނިޔެ

ވެރިކަން ލިބޭއިރަށް ޔުކްރޭން ހަނގުރާމަ ނިންމާނަން: ޓްރަމްޕް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާއަށް ވެރިކަން ލިބޭ ދުވަސް ނޫން އަނެއް ދުވަހު ޔުކްރޭން ހަނގުރާމަ ނިންމާނެ އެވެ. އެއީ މިހާރު ނިމެންޖެހިފައި އޮތް ހަނގުރާމައެއް ކަމަށް ވިދާޅުވެ ޓްރަމްޕް ވިދާޅުވީ އެ ވަރުގެ ހިތްވަރު ހުރި މީހަކު އެމެރިކާގެ ވެރިކަމަށް އަންނަން ޖެހޭ ކަމަށެވެ.

ޔުކްރޭން ހަނގުރާމަ ފެށުނީއްސުރެ ޓްރަމްޕް ގެންދަވަނީ އެއީ ކުރަންޖެހޭ ހަނގުރާމައެއް ނޫން ކަމަށް ވިދާޅުވަމުންނެވެ. އަދި އެމެރިކާގެ ރައީސްގެ މަގާމުގައި އޭނާ ހުންނެވި ނަމަ ޔުކްރޭން ހަނގުރާމާ ނުފަށާނެ ކަމަށް ކިތަންމެ ފަހަރަކު ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕް އަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަދި ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ މީހެކެވެ. އެހެންކަމުން އެ ދެ ލީޑަރުންނާ މަޝްވަރާކުރެއްވުމަކީ ފެންފޮދެއް ބޯލުން ފަދަ ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ވެރިކަމެއް ލިބުމުން ކަންކުރަން ޖެހޭ ގޮތް ހަނދާން ނެތޭ ބަޔަކު އުޅޭ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ހަޖޫ ޖައްސަވާފަ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގެ ވެރިކަމުގައި ހުންނަން ޖެހޭނީ ދުނިޔެ ވަރަށް ރަނގަޅަށް ދަންނަ މީހެކެވެ.

ބައިޑަން އަކީ އުމުރުގެ ގޮތުން ވެސް ހެޔޮ ފިކުރެއް ކުރެވޭ ވަރުގެ މީހެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވެ އެވެ. ކަމެއް އިޚުތިޔާރުކުރެވޭނީ ޖާނުގައިވެސް އެ ވަރު ހުރެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް އަކީ އަބަދުވެސް އޭނާގެ މޮޅުކަމުގެ ވާހަކަ ދައްކަވާ ބޭފުޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސްކަން ކުރައްވާނީ ނަމެއްގައެއް ނޫނެވެ. އެއީ އަމަލުކުރުމާއި އަދި ސާބިތުކޮށް ދެއްކުމަށް ލިބޭ މަގާމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.