މިއުޒިކް

ޖަސްޓިން ބީބާ މިއުޒިކަށް އަލްވަދާއު ކިޔަނީ

އެތައް މިލިއަން ފޭނުންނެއްގެ ލޯބި ހޯދާފައިވާ ކެނެޑާގެ ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އޭނާގެ ހުރިހާ މިއުޒިކް ކެޓަލޯގްތަކެއް 200 މިލިއަން ޑޮލަރަށް ވިއްކާލުމަށްފަހު ރިޓަޔާ ވާން ނިންމައިފި ކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ބުނެފި އެވެ.

މިއުޒިކަށް އަލްވަދާއު ކިޔަން ޖަސްޓިން ނިންމާފައިވަނީ އޭނާއަށް ސިއްހީ ބޮޑު މައްސަލައެއް ކުރިމަތިވެފައި ވާތީ އެވެ. "ސޮރީ" ފަދަ ރީތި ލަވަތައް ކިޔާފައިވާ ޖަސްޓިން މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި އޭނާއަށް ވަނީ ރަމްސޭ-ހަންޓް ސިންޑްރޯމް ކިޔާ ބައްޔެއް ޖެހިފަ އެވެ. މި ބަލީގެ ސަބަބުން އޭނާގެ މޫނުގެ ވާގި ވަނީ ކޮންމެވެސް ވަރަކަށް ގޮއްސަ އެވެ.

ރާޑާ އޮންލައިންގައި އިއްޔެ ޝާއިއުކޮށްފައިވާ ޚަބަރެއް ބުނާ ގޮތުގައި ޖަސްޓިން މިހާރު ބޭނުންވަނީ ކައިވެންޏަށާއި ސިއްހަތަށް ވަގުތު ހުސްކުރުމަށެވެ. އަނބިމީހާ ހެއިލީ ބީބާ އާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް ސިއްހަތު ރަނގަޅުކުރަން މަސައްކަތް ކުރުމަށެވެ.

"ފާއިތުވީ ދުވަސްތަކުގައި ޖަސްޓިން އަށް ދުނިޔޭގެ އުފަލެއް އިހްސާސެއް ނުވޭ. އޭނާގެ ސްޓާޑަމް ވެސް އޭނާއަށް މިހާރުވެފައިވަނީ ބޮޑު ބުރައަކަށް،" ޖަސްޓިންގެ އެކުވެރިއަކާ ހަވާލާދީ ބައިނަލްއަގުވާމީ ނޫހުގައި ލިޔެފައި ވެއެވެ.

ޖަސްޓިންގެ ތެރަޕިސްޓުން ވެސް މިހާރު އޭނާއަށް އިރުޝާދު ދީފައިވަނީ މިއުޒިކުން އޭނާއަށް ހިތްހަމަޖެހުން ނުލިބޭނަމަ އެކަމާ ދުރަށް ދިއުމަށެވެ.

"ޖަސްޓިން ގަބޫލުކުރާ ގޮތުގައި މިއުޒިކްގެ ވިޔަފާރީގެ ޕްރެޝަރު އޭނާއަކަށް ރަނގަޅެއް ނޫން. އަދި މިހާރު ޖަސްޓިން ބޭނުންވަނީ ލިބިފައިވާ ގިނަ އަދަދެއްގެ ފައިސާއިން އަންހެނުންނާއެކު ފިލައިގެން ތަނެއްގައި އުފަލުގައި ދިރިއުޅެން،" އެކުވެރިޔާ ބުންޏެވެ.

ޖަސްޓިން ރިޓަޔާ ވާ ވާހަކައަކީ އޭނާގެ ފޭނުން ހިތްދަތި ކުރުވި ޚަބަރެކެވެ. މިއީ "ދައުރެއްގެ ނިމުން" ކަމުގައި ގިނަ ބަޔަކު ދެކެ އެވެ.

ޖަސްޓިން އާއި ހެއިލީ ކައިވެނިކުރީ ޖަސްޓިންގެ އުމުރުން 24 އަހަރުގައި އަދި ހެއިލީގެ އުމުރުން 21 އަހަރުގަ އެވެ. ނަމަވެސް ކުރިއްސުރެ ގާތް އެކުވެރިންގެ ގޮތުގައި ތިބި މި ދެ މީހުންގެ ކައިވެނީގެ ހަޔާތް އެހާ އޮމާނެއް ނޫނެވެ.

އެހާ ޅައިރުގައި ކައިވެނި ކުރުމުން ޚުދް އެމީހުންނަށް ވެސް އެމީހުންނަށް ދަތުރުކުރެވޭ މިސްރާބެއް ނޭނގުނެވެ. އެހެންކަމުން އެމީހުންގެ ޒަވާޖީ ހަޔާތުގައި ބޮޑެތި އަޑިގަނޑުތަކާއި އުސްގަނޑުތަކާ ކުރިމަތިވި އެވެ. ޖަސްޓިންގެ ކުރީގެ ލޯބިވެރިޔާ ސެލީނާ ގޯމެޒް ދެކެ ޖަސްޓިން ވީ ވަރުގަދަ ލޯބީގެ ސަބަބުން ވެސް މި ކައިވެނީގައި ސްޓްރެސް އިތުރުވި އެވެ. އަދި ޖަސްޓީސް ސްޓްރެސް ވުމުން އެ އަންނަ ހުރިހާ ރުޅިއެއް ހެއިލީ އަށް ބާލަން ފަށައި ހެއިލީ އަށް އިތުރަށް އެ ކައިވެނި މަތީގައި ހުންނަން ބޭނުން ނުވާ ހިސާބަށް ދިޔަ އެވެ. ކައިވެންޏަކީ މިހާ އުނދަގޫ އެއްޗަކަށް ވާން ޖެހޭ ކަމަކަށް ހެއިލީ އަކަށް އޭރު ނުވިސްނެ އެވެ.