ދުނިޔެ

އަޒަރުބައިޖާންގެ އެމްބަސީއެއް ތެލްއަވަވީވްގައި ހުޅުވައިފި

އަޒަރުބައިޖާންގެ އެމްބަސީއެއް އިޒްރޭލުގެ ވެރިރަށް ތެލްއަވީވްގައި ހުޅުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު އެލި ކޯހެން ވިދާޅުވެއްޖެ އެވެ.

އެމްބަސީ ހުޅުވުމުގެ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވަނީ ބައްދަލުކުރައްވާފަ އެވެ.

ދެ ވަޒީރުން ދެއްކެވި ވާހަކަތަކުގައި، ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ދެމެހެއްޓިފައި އޮންނަތާ 30 އަހަރު ވެފައިވާއިރު އެމްބަސީއެއް ހުޅުވުމަކީ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމެއްކަން ވަނީ ފާހަގަކުރައްވާފަ އެވެ.

އަޒަރުބައިޖާންގެ ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯފްއާ މުޚާތަބުކުރައްވައި ކޯހެން ވިދާޅުވީ އަޒަރުބައިޖާން އަކީ އިޒްރޭލާ އެކު ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ސަލާމަތީ އަދި އިގުތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމާއި އަދި ސަރަހައްދީ ސުލްހައިގައި ވެސް އަޒަރުބައިޖާން އަކީ ގާތް ބައިވެރިއެއް ކަމަށް އިޒްރޭލުގެ ވަޒީރު ފާހަގަކުރެއްވި އެެވެ.

އަޒަރުބައިޖާން އާއި އިޒްރޭލާ ދެމެދު -- 1993 ވަނަ އަހަރުން ފެށިގެން ފްލައިޓްތައް އޮޕަރޭޓްކުރާ ކަމަށާއި އިޒްރޭލުގެ 114 ކުންފުންޏަކުން އަޒަރުބައިޖާންގައި އިންވެސްޓްކޮށް ވިޔަފާރިކުރަމުން ގެންދާ ކަމަށްވެސް އަޒަރުބައިޖާންގެ ވަޒީރު ވިދާޅުވި އެވެ. އަދި އިޒްރޭލުގެ ރައްކާތެރިކަން އަޒަރުބައިޖާނަށް އޮތުމަކީ ދެ ގައުމުގެ ގުޅުން ބަދަހިވެފައި އޮތް މިންވަރު ދައްކުވައިދޭ ނިޝާނެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އެމްބަސީ ހުޅުވުމާ އެކު ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރެވޭ ދާއިރާތައް ވަކިން އިތުރުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އަދި ބައިނަލްއަގްވާމީ ސުރުޚީތަކުގައި ދެ ގައުމުގެ ޝާމިލްވުން އިތުރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.