މެދުއިރުމަތި ސުލްހަ ނުކުރެވިގެން އުޅެނީ ފަލަސްތީނާ ހެދިކަން މުޅި ދުނިޔެއަށް އެނގޭ ކަމަށް އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަބޫލް ޣައިތު ވިދާޅުވެއްޖެ އެވެ. ފަލަސްތީން މިނިވަން ނުވެ މެދުއިރުމަތި ސުލްހަ ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެދުއިރުމަތީގެ ކުރިމަގާ ބެހޭ ގޮތުން ނުވަވަނަ "ބަކޫ އިންޓަނޭޝަނަލް ފޯރަމް" ގައި ތަގުރީރު ކުރައްވަމުން ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ މެދުއިރުމަތި ސުލްހަ ކުރުމަކީ އިޒްރޭލަށް ވެސް އޮތް ޒިންމާއެއް ކަމަށާއި ބައިނަލްއަގުވާމީ ނިންމުތަކަށް އިޒްރޭލުން އިހުތިރާމްކުރާ ނަމަ މެދުއިރުމަތި އޮންނާނީ ކުރިމަގަށް ފައްކާވެފައި ކަމަށެވެ. (ބަކޫ އަކީ އަޒަރުބައިޖާންގެ ވެރިރަށް)
އިޒްރޭލަށް އޮތް ހުކުމަކީ އިރުމަތީ ގުދުސް އަކީ ފަލަސްތީންގެ ވެރިރަށް ކަމަށް ގަބޫލުކުރުން ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. އިޒްރޭލުން ޖޫން 4، 1967 ގައި ފޭރިގަތް ބިންތައް ދޫކޮށްލުމަކީ ވެސް ސުލްހަވާން އެދޭ ނަމަ އިޒްރޭލަށް މަޖުބޫރު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ފަލަސްތީންގެ ހައްގުތައް ގެއްލޭ ގޮތަށް އެކުލަވާލާ އެއްވެސް އެއްބަސްވުމެއް ނުހިނގާނެ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. މެދުއިރުމަތީގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ފަލަސްތީންގެ މައްޗަށް އަސްކަރީ ބާރުވެރިކަމެއް އޮތުން ކަމަށް ވެސް ވިދާޅުވި އެވެ.
ދުނިޔޭގެ ނުފޫޒު ގަދަ ގައުމުތަކުން ފަލަސްތީނަށް ހެޔޮ ގޮތް ވާންޖެހޭ ކަމަށް ބުނެ އިއްވާފައި ހުރި އޯގާތެރި ބަސްތަކުން ބާރުކެނޑިފައި ވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް އަހުމަދު އަބޫލް ޣައިތު ވިދާޅުވި އެވެ.
ފަލަސްތީނަށް އަޅާލުމުގެ ގޮތުން ދުނިޔެ ކުރާ އެއްވެސް ކަމަކުން އަސަރެއް ނުކުރާ ކަމަށް ވެސް އަބޫލް ޣައިތު ވިދާޅުވި އެވެ. ގައުމުތަކުގެ ޕްރެޝަރަކީ އިޒްރޭލުގެ މައްޗަށް އޮތް އެކައްޗެއް ވެސް ނޫން ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.
ފޯރަމްގައި ބައިވެރިވެެ ވަޑައިގެން ތިއްބެވި ބޭފުޅުންނާ މުޚާތަބު ކުރައްވައި އަބޫލް ޣައިތު ވިދާޅުވީ ފަލަސްތީނަށް އިހާނެތިކޮށް ހިތޭހާ ހިނދަކު މެދުއިރުމަތި ސުލްހަ ނުކުރެވޭނެކަން ކަށަވަރު ކޮށްދެއްޥާ ކަމަށެވެ. މި ފޯރަމްގައި އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބާރަކު ވެސް ބައިވެރިވެ ވަޑައިގެން އިންނެވި އެވެ.
ސެކްރެޓަރީ ޖެނެރަލް އިޒްރޭލަށް ކުރެއްވި އިލްތިމާސަކީ ލަސްނުކޮށް ސުލްހަ ގާއިމުކުރުމެވެ. ފަލަސްތީންގެ މައްޗަށް ބާރު ހިންގާ ދައުލަަކަށް އިޒްރޭލު ވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒްރޭލަށް ދައުލަތެއް މުހިންމުވާ ފަދައިން ފަލަސްތިނަށް ވެސް ދައުލަތެއް މުހިންމު ކަމަށް އިޒްރޭލުން ގަބޫލުކުރަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.