ރަ ތްމަންދޫ ރައްޔިތުން ދެކޭ ގޮތުގައި އެރަށަކީ އާބާދީ ކުޑަވުމުގެ ސަބަބުން ސަރުކާރުތަކުން ވަރަށް ބޮޑަށް އިހްމާލުވެ އެއްވެސް އެހީތެރިކަމެއް ނުލިބުނު ރަށެކެވެ. ނަމަވެސް މިއަދު މަންޒަރު ކޮންމެވެސް ވަރަކަށް ބަދަލުވެފައިވާ ކަމަށް ގަބޫލުކުރާ ބަޔަކުވެސް އުޅެ އެވެ.
ރަތްމަންދޫގެ އާބާދީގައި މިވަގުތު ހިމެނެނީ 235 މީހުންނެވެ. ނަމަވެސް ރަށުގައި ދިރިއުޅޭ މީހުންގެ އަދަދަކީ 100 އެވެ. ރަށުގެ ގޭބިސީގެ އަދަދަކީ 37 އާއި 40 ދެމެދެވެ. މީހުން މަދު ރަތްމަންދޫ އަކީ އަމާން ހިތްހެޔޮ ރަށްތަކުގެ ދިރިއުޅޭ ރަށެކެވެ.
އިހުޒަމާނުއްސުރެ ދިވެހި ބޭހަށް މަޝްހޫރުވެފައިވާ ރަތްމަންދޫއަށް ރާއްޖޭގެ އުތުރާއި ދެކުނުން ވަރަށް ގިނަ މީހުން ދިވެހި ބޭސްކުރުމަށް ޒިޔާރަތްކުރި އެވެ.
ގިނަ ރަށްރަށުން އުވިގެން ގޮސްފައިވާ ސަގާފީ ކުޅިވަރެއް ކަމުގައިވާ ތާރަ ޖެހުމަކީ މިހާރުވެސް ފިތުރު އީދާ ދިމާކޮށް ރަތްމަންދޫގައި އޮންނަ ކުޅިވަރެކެވެ. ރަތްމަންދޫ އަކީ ވޮލީގައި ފާހަގަކޮށްލެވޭ ރަށެކެވެ.
ގްރޭޑް ހައަކާއި ހަމައަށް ކިޔަވައިދެމުންދާ ރަތްމަންދޫގެ ރައްޔިތުން އެދިއެދި ތިބީ ރަށުގައި ތިބެގެން ގްރޭޑް 10އަކާ ހަމައަށް ކިޔެވޭނެ ފުރުސަތު ފަހިވުމަށެވެ. މިސަރުކާރުން ރާއްޖެއަށް ތައާރަފްކޮށްގެން އުޅޭ ސެޓެލައިޓް ސްކޫލު ފަދަ ސްކޫލެއް ރަތްމަންދޫއަށް ތައާރަފްކޮށްގެން ނަމަވެސް ރަށުގައި ތިބެގެން ގުރޭޑް 10 އަކަށް ކިޔެވުމަށް ރަތްމަންދޫ ރައްޔިތުންވެސް އުއްމީދުކުރެ އެވެ.
ރަތްމަންދޫގައި ކުރިއަށްދާ ތަރައްގީގެ މައިގަނޑު މަޝްރޫއުތަކަށް ބަލާއިރު ފެނާއި ނަރުދަމާގެ އިތުރުން ފެނަކަ އޮފީހާއި ފެނަކަ އިންޖީނުގެ އިމާރާތްކުރުމާއި ކައުންސިލްގެ އާ އިމާރާތްކުރުމުގެ މަސައްކަތާއި ފުޓްސަލް ދަނޑެއް ނިންމުމުގެ މަސައްކަތް ކުރިއަށްދެ އެވެ. އަދި އެރަށުގައި މުޅިން އަލަށް ބަނދަރަށް ހެދުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މީގެއިތުރުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމުގެ މަސައްކަތް ކުރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.