ތުލުސްދޫ

ތުލުސްދޫ: ތަރައްގީގެ ކުލަ ފަނޑު

ކ. ތުލުސްދޫއަކީ މާލެ އާއި އެންމެ ކައިރީގައި އޮތް އަތޮޅު ވެރިކަންކުރާ ރަށެވެ.

ފަތުރުވެރިކަން ކުރިއަރަމުން އަންނަ ތުލުސްދޫގެ އާބާދީގައި 1،650 މީހުން ތިބިއިރު ރަށުގައި ގާތްގަނޑަކަށް 3،500 މީހުން ދިރިއުޅެ އެވެ. މީހުން ދިރިއުޅޭ ގޭބިސީގެ އަދަދަކީ 240 އެވެ.

މާލެ އާއި އެންމެ ކައިރީގައި އޮތް އަތޮޅު ވެރިކަން ކުރާ ރަށަކީ ތުލުސްދޫ ކަމަށްވީ ނަމަވެސް އެރަށުން ތަރައްގީގެ ކުލަތައް ފެންނަންޖެހޭ މިންވަރާ ގާތަށްވެސް އެ މަންޒަރެއް ނުފެނެ އެވެ. މިއީ ތުލުސްދޫ ކައުންސިލުން ވެސް ގަބޫލުކުރާ ކަމެކެވެ.

ތުލުސްދޫގައި ހެލްތު ސެންޓަރެއް ހުރިއިރު ރަށުގެ ރައްޔިތުން އެދިއެދި ތިބީ ހޮސްޕިޓަލަކަށެވެ. ހޮސްޕިޓަލެއް ތުލުސްދޫގެ ރައްޔިތުން ބޭނުންވަނީ ކޮވިޑް 19ގެ ދުވަސްވަރު މާލެ ބަންދުކުރުމުން ތުލުސްދޫ ރައްޔިތުން ބޭސްފަރުވާއަށް އައްޑޫ އާއި ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް ވެސް ދަތުރުކުރަން ޖެހުމުން އަލުން އެ ތަޖުރިބާ ކުރަން ބޭނުން ނުވާތީ އެވެ.

ރަށްރަށުގެ އާންމު މައުލޫމާތުތައް ހިއްސާކުރުމަށް އަވަސް އިން ގެނެސްދޭ "ރަށުވެށި" ޕްރޮގްރާމުގައި ކ. ތުލުސްދޫ ހިމެނޭ ޕްރޮގްރާމު

ސުނާމީއަށްފަހު ދ. ރިނބުދޫގެ ގިނަ ބަޔަކު ހިޖުރަކުރި ތުލުސްދޫއަކީ ހިޖުރަކުރާ މީހުންނަށް މަރުހަބާ ކިޔުމަށް އަބަދުވެސް ތައްޔާރަށް އޮތް ރަށެކެވެ.

ބިމުގެ ޖާގަ އޮތް ތުލުސްދޫގައި މިވަގުތު ގޯތި ބޭނުންވާ 600 އެއްހާ މީހުން ތިބިއިރު ސަރުކާރުން ހުއްދަ ދީފިނަމަ އެންމެންނަށް ގޯތި ދޭން ރަށު ކައުންސިލުން އޮތީ ތައްޔާރަށެވެ.

ސިނާއީ ގިނަ މަސައްކަތްތަކެއް ހިނގަމުންދާ ތުލުސްދޫގައި ކޮކާކޯލާ ފެކްޓްރީއެއްގެ އިތުރުން ބޯޓު ޔާޑު ހިންގަމުންދެ އެވެ. މި ތަންތަނުގައި ރަށުގެ ގިނަ ބަޔަކަށް ވަޒީފާ ހަމަޖެހިފައިވެ އެވެ.

ތުލުސްދޫގެ ގިނަ ޒުވާނުން މަސައްކަތް ކުރަމުންދަނީ ފަތުރުވެރިކަމުގެ ދާއިރާގަ އެވެ. ރަށުގައި ހިންގަމުންދާ ގެސްޓްހައުސްތަކުގައި ވަޒީފާގެ ފުރުސަތުތައް އެބަހުއްޓެވެ. ތުލުސްދޫގައި އިތުރަށް ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ފަތުރުވެރިކަމަށް އިތުރު ބިންތަކެއް ކަނޑައަޅާފައިވެ އެވެ.

ތުލުސްދޫގެ އެކި ސަރަހައްދުތަކުން 63،000 އަކަފޫޓުގެ ސަރަހައްދަކާއި 47،000 އަކަފޫޓުގެ ސަރަހައްދެއްގެ އިތުރުން 37،000 އަކަފޫޓުގެ ސަރަހައްދަކާއި 30،000 އަކަފޫޓުގެ ސަރަހައްދެއް ފަތުރުވެރިކަމަށް ކަނޑައަޅާފައިވެ އެވެ.

ތުލުސްދޫގައި ހޮސްޕިޓަލެއް ނޭޅި ގިނަ ދުވަސްވާ ފަދައިން އެރަށުގައި ހަދަން ނިންމާފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ލަސްވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ސަރުކާރުގައި އެދިފައިވީ ނަމަވެސް އެކަމާ ގުޅޭ އަމަލީ އެއްވެސް ކަމެއް ހިނގަމުން ނުދާ މައްސަލަ ކައުންސިލުން ފާހަގަކުރެ އެވެ.

އަތޮޅުވެރިކަން ކުރާ ރަށަކަށް ބަލާއިރު ތުލުސްދޫގައި ފުލުހުންގެ ހިދުމަތްވެސް ދެމުންދަނީ ދަތި އުދަގުލުގަ އެވެ. އެކަމަށް ހައްލެއް ހޯދުމަށް ފުލުހުންގެ މަރުކަޒު އަޅަން ހޯމް މިނިސްޓްރީން އެދުމުން ތުލުސްދޫ ކައުންސިލުން ބިމެއް ދީފައިވާތާ އެތައް ދުވަހެކެވެ. ނަމަވެސް ބިންގާ އެޅުން ފިޔަވާ އަމަލީ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.

ތުލުސްދޫގައި ޒުވާނުން ކުޅިވަރު ކުޅުމަށް ގިނަ ވަސީލަތްތަކެއް ގާއިމުކޮށްފައިވެ އެވެ. މީގެތެރޭގައި ފުޓްސަލް ދަނޑަކާއި ވޮލީ ދެ ކޯޓު ހިމެނެ އެވެ. ޓާފް ދަނޑެއްގެ އިންތިޒާރުގައި ރަށުގެ ޒުވާނުން ތިބިއިރު އިންޑޯ ޖިމްގެ މަސައްކަތް ދަނީ ހިނގަމުންނެވެ.