ގެމަނަފުށި

ގެމަނަފުށި: މެހުމާންދާރީގައި ނަމޫނާ މަސްވެރިން

މަ ސްވެރިކަމުގައި ދެވަނައެއް ނެތް ގއ. ގެމަނަފުއްޓަކީ މެހުމާންދާރީ އަދާކުރުމުގައި ވަރަށް ފާހަގަކޮށްލެވޭ ނަމޫނާ ރަށެކެވެ. ކުށްމަދު އަމާން ރަށެއްގެ ގޮތުގައި އަބަދުވެސް ގެމަނަފުށި ބޭއްވުމަށް އެރަށުގެ ރައްޔިތުން ލޯބިކުރެ އެވެ.

"ދަ އައިލެންޑް އޮފް ހޮސްޕިޓައިލިޓީ"ގެ ގޮތުގައި މަޝްހޫރު ގެމަނަފުއްޓަށް މިދިޔަ ޑިސެމްބަރުގައި ޗުއްޓީގައި ޒިޔާރަތްކުރި ދިވެހިންގެ އަދަދު 3،000 އަށް އަރަ އެވެ.

ގެމަނަފުށީގެ އާބާދީއަކީ 1،950 މީހުންނެވެ. އާބާދީގެ ބޮޑު ބައެއް ރަށުގައި ދިރިއުޅޭ މިރަށަކީ އެއްބައިވަންތަ ބަޔަކު ދިރިއުޅޭ ރަށެކެވެ. ގެމަނަފުށީގެ އާބާދީގައި ހިމެނޭ ގިނަ ބަޔަކު ރަށުގައި ދިރިއުޅޭ އެންމެ ބޮޑު އެއް ސަބަބަކީ އަމާން ވެއްޓަކަށް ވެފައި ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތްތަކެއް ހަމަޖެހިފައިވުމެވެ.

ރަށްރަށުގެ އާންމު މައުލޫމާތުތައް ހިއްސާކުރުމަށް އަވަސް އިން ގެނެސްދޭ "ރަށުވެށި" ޕްރޮގްރާމުގައި ގއ. ގެމަނަފުށި ހިމެނޭ ޕްރޮގްރާމު

ދިވެހި ކާނާގެ އުފެއްދުންތަކާއި ހެދިކާގެ ބާވަތްތައް ގެމަނަފުށީގައި ތައްޔާރުކޮށް ވިއްކުމަށް ގިނަ އަދަދަކަށް މާލެއަށް ފޮނުވަ އެވެ. މިމަސައްކަތުގެ ތެރެއިންވެސް ގެމަނަފުށީގެ ގިނަ ބަޔަކު ރަނގަޅު އާމްދަނީއެއް ހޯދަ އެެވެ.

މަސްވެރިކަމަށް މަޝްހޫރު ގެމަނަފުށީގެ މަސްވެރިންނަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި އައިސް ނުލިބުމާއި ރަނގަޅަށް މަސް ބޭނޭ ދުވަސްތަކުގައި މަސް ނުކިރުމުގެ މައްސަލަ ފާހަގަކުރެވެ އެވެ.

މަސްވެރިކަމުގެ އިތުރުން ގެމަނަފުއްޓަކީ ދަނޑުވެރިކަން ކުރާ ބޮޑު އާބާދީއެއް އޮތް ރަށެކެވެ. ކައުންސިލުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ލިބޭ ގޮތަށް ގެމަނަފުށީގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް އެ ވިޔަފާރީގެ ތެރެއިން ވެސް ބޮޑު އާމްދަނީ އަށް ހޯދުމަށެވެ. އެކަމަށް ކައުންސިލުން ކަނޑައަޅާފައިވާ ބިންތައް ރަށު މީހުންނަށާއި ރަށުން ބޭރު މީހުންނަށްވެސް ހުޅުވާލުމަށް ކައުންސިލުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ގެމަނަފުށީގައި މިވަގުތު ގޯތި ބޭނުންވާ 120 މީހަކު ތިބިއިރު ރޯދަ މަސް ނިމުމާ އެކު އެ އެންމެންނަށް ގޯތި ދޫކުރުމަށް ކައުންސިލުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަލަށް ދޫކުރާ ގޯތިތަކާ އެކު ރަށުގެ ބިން ފުރޭނެތީވެ ގެމަނަފުށި ކައުންސިލުން ވަނީ އަންނަ އަހަރު އެ ރަށުގެ ބިން ހިއްކުމަށް ސަރުކާރަށް ހުށަހެޅުމަށް ނިންމާފަ އެވެ.