އާ ބާދީގައި 568 މީހުން ދިރިއުޅޭ އއ. ހިމަންދޫއަކީ ކުރިއާ އަޅާބަލާއިރު މިހާރު މުޅިން ތަފާތު ރަށެކެވެ.
ހިތްހެޔޮ ބަޔަކު ދިރިއުޅޭ ހިމަންދޫއަށް އާންމުކޮށް ޒިޔާރަތްކުރާ މީހުން އެ ރަށަށް ފާހަގަކުރަނީ ރަނގަޅު ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގަ އެވެ.
ބޮޑުމިނުގައި 19.4 ހެކްޓަރު ހުންނަ ހިމަންދޫއަކީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. ބޮޑުފަޅު ހިއްކައިގެން ހިމަންދޫއަކީ ބިމުގެ ޖާގަ އިތުރުކުރެވެން އޮތް ރަށެކެވެ.
ބިމުގެ ދަތިކަން ހުރުމުން ރަށުގައި ދަނޑުވެރިކަން ކުރަން ގޮންޖެހުންތައް ކުރިމަތިވީ ނަމަވެސް އާންމުން ދަނީ ގޭގޭގައި ދަނޑުވެރިކަން ކުރަމުންނެވެ.
ރަށުގެ ރައްޔިތުން އާންމުކޮށްކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަމާއި ފަރު މަސްވެރިކަމާއި ހުއިފިލަނޑާގެ މަސްވެރިކަންވެސް ހިމެނެ އެވެ. ބާނާ މަސް ރިސޯޓުތަކަށް ކިރުވާއިރު ރިސޯޓުތަކުން ޖާގަ ނުލިބުމުގެ މައްސަލަ ދިމާވެ އެވެ. މީގެއިތުރުން ފަންގިވިނުމާއި ހެދިކާ ހެދުމަކީ ރަށުގެ އަންހެނުންކޮށް އުޅޭ މަސައްކަތްތަކެވެ.
ރަށުގައި މިވަގުތު ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާއިރު ސްކޫލުގެ ކްލާސް ރޫމުގެ އިމާރާތުގެ މަސައްކަތާއި މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ އިތުރުން ފުޓްބޯޅަ ދަނޑުގެ ޓާފު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު ޔޫތު ސެންޓަރުގެ މަސައްކަތް ވަނީ ފެށިފަ އެވެ. އެކަމަކު މަޝްރޫއުތައް ކުރިއަށްދާ ދުވެލި ލަސްކަން ކައުންސިލުން ފާހަގަކުރެ އެވެ. ހިމަންދޫގެ އައުޓް ޑޯ ވޮލީ ކޯޓާއި، މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އައުޓް ޑޯ ޖިމްގެ މަސައްކަތާއި ބަނދަރުގެ މަސައްކަތް ވަނީ ނިންމާފަ އެވެ.
ހިމަންދޫ ރައްޔިތުންނަށް މިވަގުތު އެންމެ ދަތިވާ ކަމަކީ ރަށުގައި ތިބެގެން ރަށު ސިއްހީ މަރުކަޒުން ބައެއް އާންމު ޓެސްޓުތައް ހެދެން ނެތުމެވެ. ހިމަންދޫގައި މިވަގުތު ގުރޭޑް 10 އަށް ކިޔަވައިދިން ނަމަވެސް ރަށުގެ ގިނަ ރައްޔިތުންގެ އުއްމީދަކީ ރަށުގައި ތިބެގެން އޭލަވަލް އަށް ކިޔަވަން ފުރުސަތު ލިބުމެވެ.
ހިމަންދޫ ރައްޔިތުން ގޯތި ބޭނުންވާތީ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށް، ގޯތިތަކެއް ދޫކުރުމަށް ހިމަންދޫ ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. އަދި ހިމަންދޫގެ ބިން ކުޑަ ނަމަވެސް ރަށުގެ ފަޅު ބޮޑު ކަމުން ބިން ހިއްކައިދިނުމަށް ކައުންސިލުން ދަނީ ސަރުކާރުގައި އެދެމުންނެވެ.
ހިމަންދޫ ހިމެނެނީ ރާއްޖޭގައި އެންމެ ފުޅާކޮށް ރިސޯޓުތައް ހިންގަމުންދާ އއ. އަތޮޅުގައި ކަމަށްވީތީ އެރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ކައުންސިލްގެ ޕްލޭނެއް އެބައޮތެވެ. އަދި އެ ޕްލޭނާ އެއްގޮތަށް ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހާއްސަކޮށްގެން ބިންތަކެއް އަންނަ އަހަރު ކުއްޔަށް ދޫކުރުމަށް ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. ހިމަންދޫގައި މިވަގުތުވެސް ގެސްޓްހައުސްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަސް ތަނެއް އެބަހުއްޓެވެ.