ރާ އްޖޭގެ އުތުރުގެ ތިން އަތޮޅުގެ ކުރިއެރުމާއި ތަރައްގީގެ އުއްމީދާ ގުޅިފައިވަނީ ހދ. ހަނިމާދޫގައި ހިންގަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ ބިޔަ ބޮޑު މަޝްރޫއާ އެވެ. މިމަޝްރޫއު ނިމުމާ އެކު ހަނިމާދޫ ވެގެންދާނީ އުތުރުގެ މައި ނާރެހަށެވެ. ރާއްޖޭގެ އުތުރާއި ދުނިޔެ ގުޅުވައިދޭ އުތުރުގެ މައި ދޮރާށްޓަށް ވެސް މުސްތަގުބަލްގައި ވެގެންދާނީ ހަނިމާދޫ އެވެ.
ހަނިމާދޫގެ ރަޖިސްޓްރީ އާބާދީގައި ގާތްގަނޑަކަށް 2،360 މީހުން ތިބި ނަމަވެސް ރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނާއި ބިދޭސީންނާއެކު ރަށުގައި ދިރިއުޅޭ މީހުންގެ އަބާދީ 3،000 އަށް ވުރެ އިތުރެވެ.
ހަނިމާދޫގެ ގިނަ ރައްޔިތުން އާމްދަނީ ހޯދުމަށް އަދާކުރަނީ ސަރުކާރުގެ ވަޒީފާތަކެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓާއި، ކަސްޓަމްސް އޮފީހާއި، އިމިގްރޭޝަނާއި، ކޯޓާއި، ސްކޫލާއި، ސިއްހީ މަރުކަޒުގައި ރަށުގެ ރައްޔިތުން ވަޒީފާ އަދާކުރެ އެވެ.
ފުލުހުންގެ މުއައްސަސާ އާއި ސަރުކާރު ކުންފުނި ފެނަކައިގައިވެސް ހަނިމާދޫގެ ގިނަ ބަޔަކު ވަޒީފާ އަދާކުރެ އެވެ.
މީގެއިތުރުން ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތަކާއި މަސްވެރިކަމުގެ ދާއިރާގައިވެސް ރަށުގެ ރައްޔިތުން މަސައްކަތްކުރެ އެވެ.
ހދ. އަތޮޅުގައި ފަތުރުވެރިކަން އަދި މާބޮޑަށް ފުޅާވެފައި ނެތް ނަމަވެސް ހަނިމާދޫގޭ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައިވަނީ ފަތުރުވެރިކަމަށް ސަރަހައްދުތަކެއް ކަނޑައަޅައިގެންނެވެ. މީގެތެރޭގައި ސިޓީ ހޮޓާ ތަރައްގީކުރުމަށް ބިން ހިމަނާފައިވެ އެވެ.
ހަނިމާދޫ އަކީ ބިން ބޮޑު އަދި ފަޅު ބޮޑު ރަށަކަށް ވާތީ އެރަށުގައި މީހުން އިތުރަށް އާބާދުކޮށް ރަށުގެ އާބާދީ އިތުރުކޮށްގެން ރަށަށް ތަރައްގީ ގެނައުމަކީ ހަނިމާދޫ ކައުންސިލުން ވަރަށް ބޮޑަށް ތަންފީޒުކުރަން ބޭނުންވާ ސިޔާސަތެކެވެ. ހަނިމާދޫ އަކީ މިހާރު ވެސް ބައެއް ރަށްރަށުގެ މީހުން އެރަށަށް ބަދަލުވެ ހިޖުރަކޮށްފައިވާ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެކެވެ.
ހަނިމާދޫ އަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ރަށަކަށް ވާތީ ރަށުގައި އަމާންކަން ގާއިމުވެފައި އޮތުމަށް ފުލުހުންނާ ގުޅިގެން ކައުންސިލުން ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެ އެވެ. ވަކިން ހާއްސަކޮށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ސީސީޓީވީ ކެމަރާ ބޭނުންކޮށްގެން ރަށު ތެރެ ބެލެހެއްޓުން ދަނީ ވަރުގަދަ ކުރަމުންނެވެ.
ހަނިމާދޫ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ އެއާޕޯޓުގެ ބިޔަ ބޮޑު މަޝްރޫއު އަވަހަށް ނިމި ރަށަށް އަވަސް ތަރައްގީއެއް އައުމެވެ. އެއާޕޯޓް މަޝްރޫއު ނިމި ރައްޔިތުންނަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ލިބުމެވެ.