ބޮލީވުޑް

އިންޑިއަން އައިޑޮލް 13 ކާމިޔާބުކުރީ ގިނަ ބައެއްގެ ފޭވަރިޓް ރިޝީ

އިންޑިއަން އައިޑޮލް 13ގެ ގްރޭންޑް ފިނާލޭ ރޭގައި ބާއްވާފައިވާއިރު މިފަހަރުގެ ސީޒަން ކާމިޔާބުކޮށްފައިވަނީ އުއްތަރު ޕްރަދޭޝްގެ އަޔޯދިޔާގެ ލަވަކިޔުންތެރިޔާ ރިޝީ ސިންގް އެވެ. އުމުރުން 21 އަހަރުގެ ރިޝީ އަށް ޝޯ ކާމިޔާބު ވިކަން އިއުލާން ކުރުމާއެކު އޭނާއަށް އުފަލުން ގޮސް ރޮވުނެވެ. އަދި އެތައް އިރެއް ވަންދެން ކަރުނަ ނުހުއްޓިގެން އުޅުނެވެ.

ރިޝީ ބުނި ގޮތުގައި އޭނާ "އިންޑިއަން އައިޑަލް"ގައި ބައިވެރިވި އިރުވެސް ފައިނަލާ ހަމައަށް ދިއުމަށް ހިތުގައި އަޒުމު އޮތެވެ. މި ޝޯގައި ބައިވެރިވުމުގެ ކުރިން ވެސް ރިޝީ އަށް ސޯޝަލް މީޑީއާގައި ގިނަ ބައެއްގެ ސަޕޯޓް ލިބިފައި އޮތެވެ. ނަމަވެސް ޝޯގެ ބައިވެރިންގެ ހުނަރު ފެނިފައި އޭނާއަށް ޝޯ ކާމިޔާބު ކުރެވިދާނެ ކަމާ މެދު ޟައްކުވި ކަމަށް ރިޝީ ބުންޏެވެ.

ޚާއްސަކޮށް ދޭބޯޝްމީތާ ރޯއީގެ ހުނަރު ފެނިފައި އޭނާއަށް ގިނަ ބަޔަކު ވޯޓް ދޭނެ ކަން ރިޝީ އަށް ވެސް ޔަގީންވި އެވެ. ނަމަވެސް މި ޝޯ ރިޝީ ކާމިޔާބުކުރިއިރު ދޭބޯޝްމީތާ ދިޔައީ ދެވަނަ އަށެވެ.

މި ޝޯ ކާމިޔާބުވުމުން އިނާމަކަށް ލިބުނު 25 ލައްކަ ރުޕީސް އާއެކު، މިހާރު މި ޒުވާން ލަވަ ކިޔުންތެރިޔާގެ ހުވަފެންތައް ވަރަށް ގިނަ އެވެ.

"އަހަރެން ބޭނުންވަނީ ދުނިޔޭގެ ގައުމުތަކަށް ދަތުރުކޮށް އަހަރެންގެ މިއުޒިކްގެ ހުނަރު އިތުރަށް ކުރިއަރުވަން މަސައްކަތް ކުރަން. އަދި މި ފަންނުގައި އަރާހުރި މީހަކަށްވެ އިންޑިއަން އައިޑަލްގެ ޖަޖެއްގެ ގޮތުގައި އެއް ދުވަހަކުން މި ޝޯ އަށް އެނބުރި އަންނަން ބޭނުން،" ރިޝީ ބުންޏެވެ.

އިންޑިއަން އައިޑަލް 13 ކާމިޔާބުކުރުމުގެ ކުރިން ވެސް ރިޝީ އަށް ވަރަށް ގިނަ ހިންދީ ފިލްމުތަކަށް ލަވަ ކިޔުމުގެ ފުރުސަތުތައް ވަނީ ލިބިފަ އެވެ. ވީމާ މި ވަގުތު އޭނާ އެ ލަވަތައް ރެކޯޑްކޮށް އަމިއްލަ މިއުޒިކް ވީޑިއޯއެއް ރެކޯޑް ކުރަން ވަނީ ނިންމާފަ އެވެ.

"އަހަރެންގެ އަދި އެހެން ހުވަފެނެއް ވެސް އެބައޮތް. އަހަރެންގެ އައިޑޯލް ކަމަށްވާ ލަވަކިޔުންތެރިޔާ އަރިޖީތު ސިންގްއާ ބައްދަލުކުރުން. އަހަރެންނަކީ އޭނާގެ ވަރަށް ބޮޑު ފޭނެއް،" ރިޝީ ބުންޏެވެ.

ރިޝީ އެންމެ ކުރިން އޭނާގެ އަމިއްލަ ރަށް އަޔޯދިޔާ އަށް ގޮސް އެ ރަށުގައި ތިބި އޭނާގެ ފޭނުންނާއި އާއިލާ އާ ބައްދަލުކުރާނެ އެވެ. ރިޝީ އަށް މަރުހަބާ ކިޔުމަށް މުޅި އަޔޯދިޔާ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.
ރިޝީ ބުނި ގޮތުގައި އޭނާގެ އާއިލާގެ އެއްވެސް މީހަކީ ލަވަ ކިޔަން އެނގޭ މީހެއް ނޫނެވެ. އަދި ކާބަފައިންގެ ތެރޭގައި ވެސް ލަވަ ކިޔަން އެނގޭ މީހަކު ނެތެވެ. އެހެންވެ އޭނާގެ ކިބައިގައި މި ހުނަރު ހުރުމުން އާއިލާގެ އެންމެން ވެސް ވަރަށް ހައިރާންވީ ކަމަށް ރިޝީ ބުންޏެވެ.

ސްކޫލް ދުވަސްވަރު ވެސް ކިޔަވަމުން ލަވަކިޔުމުގެ ރޮނގުން ވެސް ކުރިއަށް ދާން އޭނާ ބޭނުން ވުމުން އާއިލާގެ ފުރިހަމަ އެއްބާރުލުން އޭނާއަށް ލިބުނުކަމަށް ރިޝީ ބުންޏެވެ.

ރިޝީ އިންޑިއަން އައިޑަލްގައި ފުރަތަމަ ފަހަރަށް އޮޑިޝަން ދިން ދުވަހުން ފެށިގެން އިންޑިއާގެ ވަރަށް ގިނަ މަޝްހޫރު ފަންނާނުންގެ ތާއީދު އޭނާއަށް ލިބެން ފެށީ އެވެ. އެގޮތުން އޮޑިޝަންގައި އޭނާ ކީ ލަވަ އަޑުއަހާފައި އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީ އަށް އެ ލަވަ ރީތިވެގެން ސޯޝަލް މީޑީއާގައި ރިޝީއަށް ތައުރީފު ކުރި އެވެ. އެ ނޫނަސް ޝޯއަށް އައި ވަރަށް ގިނަ ޑައިރެކްޓަރުންނާއި ފިލްމީ ތަރިން ރިޝީގެ ރީތި އަޑުގެ ޖާދޫގައި ޖެހި އޭނާ ލައްވާ ލަވަ ކިޔުއްވުމުގެ ޝައުގުވެރިކަން ފާޅު ކުރި އެވެ.