ފިނޭންސް މިނިސްޓްރީ

އާޒާދު ހުންނެވި މަގާމުގެ ނަން ބަދަލުކޮށްފި

Apr 4, 2023

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގެ ނަން އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް ބަދަލުކޮށް، އެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް މިއަދު އައްޔަންކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި މުހައްމަދު އާޒާދު އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގެ ނަން އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް ބަދަލުކުރީ މާލިއްޔަތު ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުން ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގެ ބާރު ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އާޒާދުއަކީ ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މާސްޓާ އޮފް ސައިންސް އިން ފައިނޭންސް ހައްދަވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އޭނާ އަކީ ސީއެފްއޭ ޗާޓަ ހޯލްޑަރެކެވެ.

އާޒާދު އަދާކުރެއްވި މަގާމުތައް

  • އެސްއޯއީ ރިފޯމު ކޮންސަލްޓަންޓް - ފިނޭންސް މިނިސްޓްރީ
  • އެސްއޯއީ ފައިނޭންޝަލް ކޮންސަލްޓަންޓް - ފިނޭންސް މިނިސްޓްރީ
  • ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭންސް - ހަޒާނާ މޯލްޑިވްސް
  • ހެޑް އޮފް އިންޓެލިޖެންސް ޑިޕާޓްމަންޓް - އޭސީސީ
  • ބޯޑު މެންބަރު - މޯލްޑިވްސް އިސްލާމިކް ބޭންކް

ފައިނޭންސް ކޮންޓްރޯލަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތުގެ މާލީ ނިޒާމު އޮޑިޓަޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެ މަތިން ބަލަހައްޓައި ހިންގުމާއި، ދައުލަތަށް ލިބޭ އާމްދަނީ ބެލެހެއްޓުމާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދޭނެ ނިޒާމެއް ގާއިމުކުރުމެވެ.