ތައިލެންޑް

ތައިލެންޑުން ވަގަށް ދޫނިތަކެއް ބޭރުކުރަން އުޅުނު ދިވެއްސެއް ހައްޔަރުކޮށްފި

ތައިލެންޑުގައި ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ވަގަށް ބޭރުކުރަން އުޅުނު ދިވެއްސަކު އެ ގައުމުން ހައްޔަރުކޮށްފި އެވެ.

ތައިލެންޑުގެ ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓުން އެ މީހާ ހައްޔަރުކުރީ އަންގާރަ ދުވަހު އެވެ.

އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ މީހާ ހައްޔަރުކުރީ ބެންކޮކް އެއާވޭސްގެ ފްލައިޓަކުން މާލެ އަންނަން އުޅެނިކޮށެވެ. އޭނާގެ ލަގެޖުތަކުން 25 ދޫނި ފެނިފައިވެ އެވެ.

ތައިލެންޑުން ވަގަށް ބޭރުކުރަން އުޅުނު ދޫނިތަކުގެ ތެރޭގައި ބްލެކް ހޯކް އާއި ބެއާޑް އީގަލް އައުލްގެ އިތުރުން ބަފީ ފިޝް އައުލް ހިމެނެ އެވެ.

ބޭރުކުރަން އުޅުނު ދޫނިތަކުގެ އަގު އެއް ލައްކަ ބާތު -- ގާތްގަނޑަކަށް 45،126 ރުފިޔާއަށް އަރަ އެވެ.

ތައިލެންޑުން މަނާ ދިރޭ ތަކެތި ބޭރުކުރަން އުޅުނު ދިވެހިންގެ ބަޔަކު މިދިޔަ މަހުވެސް ހައްޔަރުކޮށްފައިވެ އެވެ.

އެމީހުން ހައްޔަރުކުރީ ވިހަ ބޮއްތަކަކާއި ވިހަ ފައިދިގުމަކުނުތަކެއްގެ އިތުރުން ދޫނި ބިސްތަކެއް ބޭރުކުރަން އުޅެނިކޮށެވެ.