ހަބަރު

ރާއްޖެއަކީ ހާއްސަ ގައުމެއް، ސިއްހީ ދާއިރާގެ ގުޅުން ބަދަހިކުރަންޖެހޭ: އިންޑިއާ

Feb 2, 2016
1

ރާއްޖެއަކީ އިންޑިއާއަށް އެންމެ ހާއްސަ އެއް ގައުމު ކަމަށާއި އިންޑިއާއިން ރާއްޖެއަށް ސިއްހީ ދާއިރާގެ ކަންކަން ފަހިކޮށް ދެއްވާނެ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ހައިކޮމިޝަނާ އަކިލޭޝް މިޝްރާ ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން ރާއްޖޭގައި ބާއްވާ ހެލްތު އެކްސްޕޯއާބެހޭ މައުލޫމާތު ދިނުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ހަފުލާއެއްގައި އަކިލޭޝް މިޝްރާ ވިދާޅުވީ، އިންޑިއާއަކީ ދިވެހިން ބޭސްފަރުވާއަށް ދަތުރުކުރާ އެންމެ މަގުބޫލު ގައުމު ކަމަށެވެ.

އަދި ވިދާޅުވީ އިންޑިއާގެ ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތަކާއި މައުލޫމާތު ދިވެހިންނަށް ސާފުކޮށްދިނުމަކީ މުހިންމު ކަމެއް އިންޑިއާ ދެކޭ ކަމަށާއި އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރަންޖެހޭ އެންމެ މުހިންމު ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދާއިރާއިން މިހާރަށްވުރެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރާ ކަމަށާއި އިންޑިއާއަކީ ބޭސްފަރުވާ އަގުހެޔޮ ހިދުމަތް އެންމެ ތަރައްގީވެފައިވާ ގައުމުތަކުން ލިބޭ ގައުމެއް ކަމަށެވެ.