ބޭރުގެ އެހީ

ރާއްޖޭގައި ކްލައިމެޓް ފަންޑެއް ގާއިމުކުރަން ކޮމަންވެލްތްގެ އެޑްވައިޒަރެއް

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކްލައިމެޓް ޓްރަސްޓް ފަންޑެއް ރާއްޖޭގައި ގާއިމުކުރުމަށް ނެޝަނަލް އެޑްވައިޒަރެއް ކޮމަންވެލްތުން ކަނޑައަޅައިފި އެވެ.

ކޮމަންވެލްތުން ރާއްޖެއަށް މިކަމުގައި އެހީވުމަށް ކަނޑައެޅުއްވީ ސާގަރް ޖޯޝީ ކިޔާ ބޭފުޅެކެވެ. އޭނާ މި މަޝްރޫއުގެ މަސައްކަތް ކުރައްވާނީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި ގުޅިގެންނެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްރޫއުތަކަށް ފަންޑް ހޯދުމުގައި އިންސާނީ އަދި މުއައްސަސާތަކުގެ ގާބިލްކަން އިތުރުކުރުމަށް އެހީވުމާއި ފަންޑް ހޯދުމުގައި ގާއިމުކުރާނެ ސްޓްރެޓެޖީތައް އެކުލަވާލުމަކީ އޭނާގެ މަސައްކަތެވެ.

ކޮމަންވެލްތުން ބުނި ގޮތުގައި ކްލައިމެޓް ފައިނޭންސް އެކްސެސް ހަބުން މި މަހުގެ ނިޔަލަށް އެފްރިކާ، ޕެސިފިކް އަދި ކެރިބިއަން ސަރަހައްދުތަކުގެ ކޮމަންވެލްތު މެންބަރު ގައުމުތަކަށް 18 އެޑްވައިޒަރުން ކަނޑައަޅާފައިވެ އެވެ. އަދި މިވަގުތު ފަންޑް ފޯރުކޮށްދިނުމުގައި 14 އެޑްވައިޒަރަކު މަސައްކަތް ކުރަމުންގެންދާ ކަމަށް ބުންޏެވެ.

ކްލައިމެޓް ފައިނޭންސް އެކްސެސް ހަބު މެދުވެރިކޮށް ކޮމަންވެލްތު މެންބަރު ގައުމުތަކުގެ 67 މަޝްރޫއަކަށް 250 މިލިއަން އެމެރިކާ ޑޮލަރު ލޯނާއި ގްރާންޓްގެ ގޮތުގައި މިހާތަނަށް ފޯރުކޮށްދީފައިވާ ކަމަށް ކޮމަންވެލްތުން ހާމަކޮށްފައިވެ އެވެ.

ދަ ކޮމަންވެލްތް ކްލައިމެޓް އެކްސަސް ފައިނޭންސް ހަބް އަކީ މޫސުމަށް އަންނަ ބަދަލުތަކަކީ ކުދި ގައުމުތަކުގެ މާބޮޑު ބައިވެރިވުމެއްނެތި އެ ގައުމުތަކަށް ލިބޭ ގެއްލުންތަކަކަށްވާތީ އެގައުމުތަކުން ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުދި ގައުމުތަކުގައި ހިންގާ ތަރައްގީގެ މުސުމާ ރައްޓެހި މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ކޮމަންވެލްތުން ގާއިމްކޮށްފައިވާ މަޝްރޫއެކެވެ.