ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން -- ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް މީޓިންގް (ޗޮގަމް 2024) ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ސަމޯއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފި އެވެ.
މި ދަތުރުފުޅުގައި، ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް އާއި ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އަދި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނާ ޑރ. އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވާހެން، ރާއްޖޭގެ މަތީ ފެންވަރުގެ ވަފުދެއް ނައިބު ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ޗޮގަމް 2024ގެ މައިގަނޑު ބައްދަލުވުމާއި ހަވާސާ އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން ރާއްޖެއާ ގުޅުންހުރި، ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ ގުޅޭ މަތީ ފެންވަރުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފަ އެވެ.
އެގޮތުން، ޗޮގަމް ކްލައިމެޓް ބްރެކްފާސްޓް: ބިލްޑިން ކޮންސެންސަސް ފޮ ކްލައިމެޓް ފައިނޭންސް ޓާގެޓްސް އިން ދަ ކޮމަންވެލްތު، ކޮމަންވެލްތު ބިޒްނަސްފޯރަމް: އައިލެންޑް ލީޑާސް ރައުންޑް ޓޭބަލް އަދި އެސްއެމްއައިގެ ސީއީއޯ-ލީޑަރސް އިވެންޓްގައި ނައިބު ރައީސް ވަނީ ވާހަކަ ދައްކަވާފަ އެވެ.
ނައިބު ރައީސް ވަނީ ޗޮގަމް 2024ގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔަ ސަމޯއާގެ ބޮޑުވަޒީރު ހަރ އެކްސެލަންސީ ފިއާމޭ ނައޯމީ މަޓައާފާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއްވެސް ކުރައްވައިފައެވެ.
ސަމޯއާގެ ވެރިރަށް އަޕިއާގައި، މިމަހުގެ 21 އިން 26 ގެ ނިޔަލަށް ކުރިއަށް ދިޔަ ޗޮގަމް 2024 އަކީ، ރާއްޖޭގެ ވެރިކަމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި، ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަކީ ދުނިޔޭގެ އިގުތިސާދާއި، ތިމާވެށި އަދި ސަލާމަތީ ގޮންޖެހުންތަކުން އަރައިގަނެ، ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމާއި، ވިޔަފާރީގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި އުސްމިންތަކެއް ހާސިލުކުރުމަށްޓަކައި ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ އިސްވެރިންނާއި ލީޑަރުންނަށް ތަނަވަސް މަންސައެއް ފަހިކޮށްދޭ ބައްދަލުވުމެކެވެ.