ކޮމަންވެލްތު ޖަމިއްޔާ

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ނައިބް ރައީސް ފުރާވަޑައިގެންފި

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް، ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ.

މިއަހަރުގެ ބައްދަލުވުން ސަމޯއާގައި ކުރިއަށް ގެންދާއިރު ނައިބް ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުން ބުނީ ނައިބް ރައީސްގެ މި ދަތުރުފުޅުގައި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިއްމު ބަޔާންތަކެއް އިއްވާނެ ކަމަށެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި އިގްތިސާދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް، ވިލުންތެރިކަމާއި، ވިޔަފާރި ކުރިއެރުވުމާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރަން މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ގައުމުތަކަށް ލިބޭ މުހިއްމު ބައްދަލުވުމެކެވެ.

ރައީސް އޮފީހުން ބުނީ މި އަހަރުގެ ބައްދަލުވުން ވެގެންދާނީ އދގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 29 ވަނަ މަހާސިންތާ (ކޮޕް 29)ގެ ކުރިން، ދެމެހެއްޓެނިވި ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމަށް މެންބަރު ގައުމުތަކަށް ލިބޭ މުހިއްމު ފުރުސަތަކަށް ކަމަށެވެ.

މިއަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ކުރިއަށްދާނީ މާދަމާ އިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.