ހަބަރު

ދިޔަމިގިލީގައި ފެންބޮޑުވެ ގެއްލުން ވެއްޖެ

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ތ. ދިޔަމިގިލީގައި ފެންބޮޑުވެ ގެއްލުންވެއްޖެ އެވެ.

ދިޔަމިގިލީ ކައުންސިލް މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އެރަށަށް އިއްޔެ ހެނދުނު 10:00 ޖެހީއްސުރެއް ހަވީރު ހަތަރެއް ޖަހަންދެކަށް، ހުއްޓައި ނުލާ ބޯކޮށް ވާރޭ ވެހެމުން ދިޔަ ކަމަށާއި އޭގެ ސަބަބުން ރަށުތެރޭ ދެ ފޫޓަށް ވުރެއް އުސްކޮށް ފެންބޮޑުވެފައި ހުރި ކަމަށެވެ. އަދި ވާރޭގެ ސަބަބުން އެތައް ގެޔަކަށް ފެންވަދެ ގެއްލުން ވެފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

"އިއްޔެ ގާތްގަނޑަކަށް 2 ފޫޓަށް ހުރި ފެން ބޮޑުވެފަ. ރަށުގެ އެތައް ގެޔަކަށް ފެންވަދެ މުދަލަށް ގެއްލުން ވެފައިވާ ކަމަށް އަޅުގަނޑުމެނަށް ހަބަރު ލިބޭ. އެހެން ކަމުން ގެތަކަށް ލިބިފައި ހުރި ގެއްލުންތައް ބެލުމަށް ކައުންސިލްގެ ޓީމެއް ގެތަކަށް ޒިޔާރަތް ކުރުމަށް މިއަދު ނިކުންނާނަން،" މުހައްމަދު ވިދާޅުވި އެވެ.

ދިޔަމިގިއްޔަށް ވިއްސާރަވެ، ރަށުގައި ފެންބޮޑުވުމުން ފުލުހުންނާއި ސިފައިން ވަނީ ފެން ހިނދުމުގެ މަސައްކަތް ކޮށްފައެވެ. ފުލުހުންގެ ޓީމެއް އިއްޔެ ދިޔަމިގިއްޔަށް ގޮސް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާއިރު ފެންހިއްކާ ޕަމްޕު ބޭނުންކޮށްގެން ބޮޑުވެފައިވާ ފެންގަނޑު ކަނޑަަށް ބޭރުކޮށް ރަށުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދިޔަމިގިއްޔަކީ 516 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެހެން ނަމަވެސް އެރަށުގައި ފުލުހުންގެ އިދާރާ އެއް ނުހުރެއެވެ.