ހަބަރު

ފަޅު ކުރި ގާދޫ އަށް އިތުރު ރޭވުމެއް ނެތް: މުއިއްޒު

ދާދި ފަހުން މީހުން ހުސްކުރި ލ. ގާދޫއާ މެދު އިތުރު ރޭވުމެއް ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، އާބާދީގައި މަދު މީސްކޮޅެއް އުޅޭ ގާދޫގެ ރައްޔިތުން ވަނީ މިދިޔަ މަހު ފޮނަދޫ އަށް ބަދަލުކޮށްފަ އެވެ.

"އަވަސް"އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިނިސްޓްރީއާ ހަވާލު ކުރެވިފައިވާ މަސައްކަތަކީ ފޮނަދޫގައި ހައުސިން ޔުނިޓްތައް ގާއިމް ކޮށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ކަމަށާއި އަދި ހައުސިން މިނިސްޓްރީގެ ދަށުން ގާދޫއަށް އިތުރު ޕްލޭން އެއް ނެތް ކަމަށެވެ.

"ދެން އިތުރު ރޭވުމެއް ގާދޫ އަކަށް ނެތް. ދެން އޮންނާނީ ސަރުކާރުން އެރަށް ރަސްމީކޮށް ފަޅުރަށެއް ކަމަށް ކަނޑައެޅުން،" މުއިއްޒު ވިދާޅުވި އެވެ.

މިމިނިސްޓަރު މިހެން ވިދާޅުވެފައިވާ އިރު ފޮނަދޫ ކައުންސިލުން ވަނީ އެރަށު އިހުތިސޯސްއެއްގެ ގޮތުގައި އެ އަތޮޅު ގާދޫ ހަދައިދިނުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ކަމާބެހޭ މުއައްސަސާތަކުގައި އެދުމަށް ނިންމައިފަ އެވެ.

ގާދޫގައި ދިރި އުޅޭ 108 މީހުންނަށް ސަރުކާރުން ވަނީ ފޮނަދޫގެ ކުރިގަމު އަވަށުގައި 45 ގެ އަދި ބަރާސިލު އަވަށުގެ އަލަަށް އާބާދުވަމުން އަންނަ ސަރަހައްދުގައި 40 ގެ އިމާރަތްކޮށް އެތަންތަނަށް މީހުން ބަދަލުކޮށްފަ އެވެ. ގާދޫގެ ރައްޔިތުން ގެންގުޅޭ ހިފާ ސާމާނު ސިފައިން ފޮނަދޫއަށް ބަދަލުކޮށްދޭއިރު ތަކެތި ގަތުމަށް ސަރުކާރުން ވަނީ ކޮންމެ އާއިލާއަކަށް 60،000ރ. ދީފައެވެ. އަދި ގާދޫގައި އޮތް ކޮންމެ ގޯއްޗަކަށް ފޮނަދޫން ގޯއްޗެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. ގޯތީގައި ވަށާ ފާރާއި ވަޅެއް ހުރިނަމަ އޭގެ ބަދަލުގައި 10،000ރ. ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.