ދުނިޔެ

ފްރާންސްގައި ލޭބާ ޑޭގެ ހަމަނުޖެހުންތަކުގައި 540 މީހުން ހައްޔަރުކޮށްފި

މުޅި ދުނިޔޭގައި މެއި 1 ގައި ފާހަގަކުރާ ލޭބާ ޑޭއާ ގުޅިގެން ފްރާންސްގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި 540 މީހުން ހައްޔަރުކޮށްފި އެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލައި މަގުތަކަށް ނުކުތް މީހުންގެ އަމަލުތަކުގެ ސަބަބުން އަމަން ބެލެހެއްޓުމަށް ހާޒިރުވެ ތިބި 400 އަށް ވުރެ ގިނަ ފުލުހުންނަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އިންޓީރިއާ މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.

މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް ފްރާންސްގެ މަސައްކަތްތެރިންނާއި ޓްރޭޑް ޔޫނިއަންތަކުން އަޑުއުފުލައި ސަރުކާރުން ޕެންޝަން ނިޒާމް އިސްލާހު ކުރުމާ ދެކޮޅަށް އަނެއްކާ ވެސް ވަނީ ޝުއޫރުފާޅުކޮށްފަ އެވެ.

ފްރާންސްގެ ސަރުކާރުން ޕެންޝަން ސްކީމަށް ބަދަލު ގެނެސް ވަޒީފާ އަދާކުރެވޭ އެންމެ މަތީ އުމުރު 62 އަހަރުން 64 އަހަރަށް މަތިކުރަން އިސްލާހެއް ހުށަހެޅުމާ އެކު އާންމުންގެ މެދުގައި ނުތަނަކަން އުފެދި ބޮޑެތި މައްސަލަތައް އޮތީ ސަރުކާރަށް ކުރިމަތިވެފަ އެވެ.

އާންމުންގެ ނުރުހުމާ އެކު ވެސް ސަރުކާރުން ވަނީ ޕެންޝަން ނިޒާމް އިސްލާހުކޮށް ސަރުކާރުން ބޭނުންވާ ގޮތަށް ބިލް ފާސްކޮށް ގާނޫނަކަށް ހަދާފަ އެވެ.

މިއީ މަސައްކަތްތެރިންގެ ހައްގުތަށް ހޯދުމަށް ކަމަށް ބުނެ މަގުތަކަށް ނުކުތް މީހުންނަށް ޝުއޫރު ފާޅުކުރަން ލިބުނު ރަނގަޅު ފުރުސަތަކަށް ވަނީ ހަދާފަ އެވެ.

އިންޓީރިއާ މިނިސްޓަރު ގެރާލްޑް ޑާމާނިން ވިދާޅުވި ގޮތުގައި ހައްޔަރުކުރި މީހުންގެ ޝުއޫރުތައް ރަނގަޅަށް ބައްލަވާނެ އެވެ. އަދި އާންމު މަސްލަހަތު ނަގާލުމުގެ ނިޔަތް އޮތް ނަމަ އެ މީހެއްގެ މައްސަލަ ވަކިން ބޮޑަށް ބައްލަވާނެ އެވެ.

ފަރަންސޭސި ނޫސްތައް ބުނާ ގޮތުން މަގުތަކަށް ނުކުތް މީހުން އެކަންކުރީ ކުރިއާލައި ރާވއިގެންނެވެ. ޝުއޫރު ފާޅުކުރި މީހުން ވަނީ މުޅި ފްރާންސަށް ފެތުރިގެން ދާނޭހެން އަޑުއުފަލައި ޝުއޫރު ފާޅުކޮށްފަ އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުން ހަމަނުޖެހުން ބޮޑުވެ ގަޔަށް އަތްލަން މެދުވެރިވީ އެއްވެ ތިބި މީހުންގެ ތެރެއަށް ފުލުހަކު ކަރުނަގޭސް ދަޅެއް އެއްލުމުންނެވެ. އަދި ބޯ ދުންގަނޑުގެ ތެރޭގައި ފުލުހުން އާންމުންގެ ގައިގައި ތަޅައި އަނިޔާކުރަން ފެށުމުންނެވެ.

ދެން އުފެދުނު ހަމަނުޖެހުންތަކުގައި ފިހާރަތަކުގެ ބިއްލޫރިތަކާއި މަގުބައްތިތައް ތަޅައި އާންމުންގެ މުދަލަށާއި ސަރުކާރުގެ އިމާރާތަކަށް ވަނީ ބޮޑެތި ގެއްލުން ދީފަ އެވެ.

މަގުތަކުން ކުނި ނަގަން އެއްކޮށްފައި ހުރި ކުނި ޑަސްބިންތަކުގައި ހުޅުޖެމުހުގެ ސަބަބުން ރޯވި އަލިފާނުގައި ކެފޭތަކުގެ ފަރުނީޗަރުތައް އަނދައިގެން ދިޔަ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.