ދުނިޔެ

ޓެލެގްރާމްގެ ސީއީއޯ ހައްޔަރުކުރުމާ ގުޅިގެން ޕްރައިވެޓް ޗެޓްތައް ބަލަނީ

ޓެލެގްރާމްގެ ސީއީއޯ ޕަވެލް ޑަރޯފް ފަރަންސޭސިވިލާތުން ހައްޔަރުކުރުމާ ގުޅިގެން ޕްރައިވެޓް ޗެޓްތަކާ މެދު ޓެލްގްރާމުން މީގެކުރިން ގެންގުޅު އުސޫލުތައް ބަދަލުކޮށްްފި އެވެ.

ޓެލެގްރާމުން މީގެ ކުރިން ޕްރައިވެޓް ޗެޓްތައް އެއްގޮތަކަށް ވެސް މޮޑަރޭޓް ނުކުރެ އެވެ. ނަމަވެސް ކުރިން އޮތް ގަވާއިދު ބަދަލުކޮށް ޕްރައިވެޓް ޗެޓްތައް މޮޑަރޭޓްކުރާނެ ކަމަށް ޓެލްގްރާމްގެ ފްރިކްއެންޓްލީ އާސްކްޑް ކްއިސްޓަންސް (އެފްއޭކިޔޫ) އިން މިހާރު ވަނީ ބުނެފަ އެވެ.

މި ބަދަލާ އެކު ޓެލެގްރާމް ބޭނުންކުރާ 950 މިލިއަނަށް ވުރެ ގިނަ މީހުން ކުރިން ތިބި ގޮތަށް ތިބޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ޓެލްގްރާމް ވަށައިގެން މިހާ ގިނަ މީހުން އެނބުރޭ ސަބަބަކީ ޕްރައިވެޓް ޗެޓްތަކަށް ހައްދެއް ނެތުމެވެ. އެ މީހަކު ބޭނުން ވާހައެއް ދައްކައި، ބޭނުން ހަޅޭއްކެއް ލަވަންވީ އެވެ. ޓެލްގްރާމްގެ މެނޭޖްމަންޓުން އެ މީހަކަށް އިންޒާރު ދިނުމެއް އަދި ޖޫރިމަނާކުރުމެއްވެސް ނޯވެ އެވެ.

ޕަވެލް ޑަރޯފް ހައްޔަރުކުރި ސަބަބެއް ކަމަށް ފަރަންސޭސިވިލާތުން ބުނީ ޓެލެގްރާމް އަކީ ކުށްވެރިންނަށް ފިނި ހޮޅުއަށްޓަކަށް ވާތީ ކަމަށެވެ.

ޓެލްގްރާމް އަކީ ޑްރަގު ޑީލަރުންނާއި ވައްކަންކުރާ މީހުން އަދި ފޭރޭ މީހުން އެއްތަންވެ ސައްލާކޮށް ކުންފުނިތަކާއި ވަކިވަކި ފަރުދުންނަށް ބޮޑެތި ގެއްލުންތައް ދިނުމަށް ރާވާ ނެޓްވޯކެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޓެލްގްރާމްގެ މެނޭޖްމަންޓުން މިފަދަ މީސްމީހުންގެ ހަރަކާތްތައް ބަލާނަމަ، ޓެލްގްރާމްއާ މެދު ކަންބޮޑުވުމެއް ނޯންނާނެ ކަމަށްވެސް ފަރަންސޭސިވާތުން ބުންޏެވެ.

ފަރަންސޭސިވިލާތުން ޓެލެގްރާމްއާ މެދު އެޅި ފިޔަވަޅުތަކުގެ ސަބަބުން ޓެލްގްރާމް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ޖެހިފަ އެވެ.

ސީއީއޯ ޕަވެލް ޑަރޯފްގެ ވާހަކަތަކުން މިހާރު ދޭހަވަނީ ޓެލެގްރާމް ވަރަށް އަމާން މަންޒިލަކަށް މިސްރާބު ޖަހައިފި ކަމެވެ. މިއީ މަޖުބޫރުވެގެން ޓެލެގްރާމުން ގެންނަ ބަދަލުތަކެއް ނަމަވެސް މި ބަދަލުތަކާ މެދު ހިތްހަމަޖެހޭ އަދި ހިތްހަމަނުޖެހޭ ބަޔަކުވެސް ތިބޭނެ އެވެ.