ދުނިޔެ

ފްރާންސުން ބޭނުންވަނީ ޓެލެގްރާމް ހުއްޓުވާލަން: ރަޝިއާ

ޓެލެގްރާމްގެ ބާނީ އަދި ސީއީއޯ ޕަވެލް ޑުރޯފް ފަރަންސޭސިވިލާތުން ހައްޔަރުކުރުމުގެ ބޭނުމަކީ ޓެލެގްރާމް ނެޓްވޯކް އެއްކޮށް ހުއްޓުވާލުން ކަމަށް ރަޝިއާގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ވެރިޔާ ޓަނިޔާނާ މޮސްކަލްކޯފާ ވިދާޅުވެއްޖެ އެވެ.

ޓަނިޔާނާ ވިދާޅުވި ގޮތުގައި ޓެލެގްރާމަކީ ހިޔާލާއި ޝުއޫރު ފާޅުކުރުމަށް އިމެއް ކަނޑައަޅައިގެން ހިންގާ ނެޓްވޯކަކަށް ނުވާތީ ހުޅަނގަށް އެކަން ބަލައިނުގަނެވެނީ އެވެ.

ފަރަންސޭސިވިލާތުން ޑުރޯފް ހައްޔަރުކުރީ އޭނާގެ އަމިއްލަ ޖެޓެއްގައި ފްރާންސްގެ ވެރިރަށް ޕެރިހަށް ވަޑައިގަތުމުން އެއާޕޯޓުންނެވެ.

އޭނާ އަދިިވެސް ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ހައްޔަރުކޮށްފައި ގިނަ ދުވަހު ބެހެއްޓުމަށްޓަކައި ފަރަންސޭސި ޕްރޮސެކިއުޓަރުން ދަނީ މަޝްވަރާކުރަމުންނެވެ.

ޓަނިޔާ ވިދާޅުވި ގޮތުގައި ހުޅަނގަކީ ދެފުށްކެހެރިކަން ވަރަށް ބޮޑު ބައެކެވެ. އެ މީހުންނަށް ކަމުނުދާ ލިޔުމެއް، ކުރެހުމެއް އަދި ވީޑިއޯއެއް ނަމަވެސް ސޯޝަލް ނެޓްވޯކެއްގައި ފަތުރައިގެން ނުވާނެ ކަމަށް ހުޅަނގުން ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑުރޯފް ހައްޔަކުރުމަކީ ރަޝިއާއަށް ކުރި ޖެއްސުމެއް ކަމަށް ބެލެވިދާނެ ކަމަށްވެސް ޓަނިޔާ ވިދާޅުވި އެވެ.

ރަޝިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައި ހުރި ދަތިކުރުންތަކުން ރަޝިއާގެ އިގުތިސާދަށް ނުބައި އަސަރެއް ނުކުރުމަކީވެސް ހުޅަނގުގެ ރުޅިވެރިކަން ރަޝިއާއަށް ބޮޑުވެފައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓަނިޔާ ވިދާޅުވީ ރަޝިއާ ސަރުކާރަށް ޑުރޯފް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ ކަމަށެވެ. ޓެލެގްރާމް ނެޓްވޯކުން ރަޝިއާގެ އިގުތިސާދަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށްވެސް ވާހަކަތައް ދެކެވެ އެވެ.

ޓެލެގްރާމަކީ ކުރިން ރަޝިއާ ސަރުކާރަށް މާބޮޑު އެއްބާރުލުމެއް ދިން ނެޓްވޯކެއް ނޫނެވެ. މި ސަބަބާ ހެދި ރަޝިއާގައި ޓެލެގްރާމް މަނާވެސް ކުރި އެވެ. ނަމަވެސް ރައީސް ލަޑިމިއާ ޕޫޓިން ވަނީ ޓެލެގްރާމަށް އިނާޔަތްތަކެއް ދެއްވައި، ރަޝިއާގައި ޓެލެގްރާމް ހިންގަން ބޭނުންވާ ހުރިހާ ހުއްދައެއް ދެއްވާފަ އެވެ.