ދުނިޔެ

ރަޝިއާއާ މަޝްވަރާކުރުމަކީ ވަގުތު ނަގާލުން: ޒެލެންސްކީ

ޔުކްރޭން ހަނގުރާމަ ހުއްޓުވުމުގެ ނިޔަތުގައި ރަޝިއާއާ އެއްވެސް މާނައެއްގައި މަޝްވަރާކުރުމަކީ މޮޔަކަމެއް ކަމަށް ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ ރޭވުންތަކުން ވަގުތު ބޭކާރުވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

ޒެލެންސްކީ މިހެން ވިދާޅުވީ ޔުކްރޭން ހަނގުރާމާގައި ރަޝިއާ ބަލިކުރަން ދޭ ހަމަލާތަކުން ރަޝިއާ ސުންނާފަތިކޮށްގެން ނުވާނެ ކަމަށް މެކްރޮން ވިދާޅުވުމާ ގުޅިގެންނެވެ.

މެކްރޮން ދެކެވަޑައިގަންނަވާ ގޮތުގައި ޔުކްރޭން ހަނގުރާމައަށް އޮތް ދެމެހެއްޓެނިވި ހައްލަކީ މަޝްވަރާ އެވެ.

މަޝްވަރާ އަކީ ރަޝިއާ ދަންނަ ކަމެއް ނޫން ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ. އަދި ބަޔަކު ކިތަންމެ އާދޭހެއް ކުރި ނަމަވެސް، ރަޝިއާ އޮތީ ގުޑާ ގޮތަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒެލެންސްކީ ދެކެވަޑައިގަންނަވާ ގޮތުގައި ޔުކްރޭން ހަނގުރާމަ އަކީ އެއްވެސް ސަބަބެއް އޮތް ހަނގުރާމައެއް ނޫނެވެ. ހުޅަނގުން ރަޝިއާއަށް ޖެއްސުމެއް ނުކުރި ނަމަވެސް ޕޫޓިން ހުންނެވީ ހަނގުރާމަކުރާ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޫޓިން ގެންގުޅުއްވަނީ ވަތަނީ ފިކުރަކަށް ވުރެ ނުރައްކާ ފިކުރެއް ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ. އޭނާގެ މި ފިކުރުގެ ސަބަބުން މިނިވަން ދައުލަތްތައް ފުނޑިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން މެކްރޮން އެކި ފަހަރު އެކި ވާހަކަ ދައްކަވާ މައްސަލަ އޮތީ ޔޫރަޕްގެ ގައުމުތަކުގައި ވަރަށް ބޮޑުވެފަ އެވެ. ބައެއް ފަހަރު ޔުކްރޭނަށް ބަރުހަތިޔާރު ފޯރުކޮށްދެއްވުމަށް ވިދާޅުވާއިރު، ރަޝިއާއަށް ލިބިދާނެ ގެއްލުމަކާ މެދު ކަންބޮޑުވެ ވަޑައިގެން ވެސް ވަނީ ވާހަކަދައްކަވާފަ އެވެ.

ރަޝިއާ އާއި ފްރާންސްއާ ދެމެދު ސިއްރު ގުޅުންތަކެއް އޮންނަ ކަމަށް ވެސް ޔޫރަޕްގެ ބައެއް ގައުމުތަކުން ތުހުމަތުކުރެ އެވެ. ރަޝިއާއާ މެދު ވަކި ގޮތެއް ނިންމެވުން މެކްރޮންއަށް ދަތިވެ ވަޑައިގަންނަވަނީ މި ސަބަބާ ހެދި ކަމަށް ވެެސް ބުނެވެ އެވެ.