ދުނިޔެ

ރަޝިއާ-ޔުކްރޭން: މަޝްވާރާތަކުގެ ދެވަނަބުރު ކުރިއަށް

ރަޝިއާ އާއި ޔުކްރޭން ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރު، ބެލަރޫސްގެ ސިޓީއެއް ކަމަށްވާ ބްރިއެސްޓްގައި ފެށިގެން ކުރިއަށް އެބަ ދެ އެވެ.

ޚަބަރުތައް ބުނާ ގޮތުން މަޝްވަރާ މޭޒުދޮށަށް އެންމެ ފުރަތަމަ ޖަމާވީ ރަޝިއާގެ ވަފުދުގައި ހިމެނޭ މެމްބަރުންނެވެ.

ބައްދަލުވުމުގައި ޔުކްރޭންގެ ފަރާތުން އިސްކޮށް އުޅުއްވާ ލަޑިމިއާ މެޑިންސްކީ ވިދާޅުވި ގޮތުން މަޝްވަރާތައް ބޮޑަށް އަމާޒުކުރައްވާނީ ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުންނެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދެވެން ހުރި ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާ ހުށަހެޅި ޝަރުތުތައް ވަރަށް ގިނަ ކަމަށް ވިދާޅުވެ މެޑިންސްކީ ވިދާޅުވީ މަޝްވަރާތަކުގެ ފުރަތަމަ ބުރުގައި ޔުކްރޭން އެދޭ ގޮތް އޮންނާނީ ހާމަކޮށްފައި ކަމަށެވެ. އޭނާ އަދި ވިދާޅުވީ ދެވަނަ ބުރުގައި ވެސް އޮތީ އެ ވާހަކަތައް ކަމަށާއި ޔުކްރޭނަށް މުހިންމީ ހަމަލާތައް ހުއްޓާލުން ކަމަށެވެ.

ފުރަތަމަ ބުރުގެ ވާހަކަތައް ފަސްގަޑިއިރަށް ދިގުދެމިގެން ދިއައިރު ވެސް ކޮޅެއްގައި ޖެއްސޭ ގޮތް އޮތީ ނުވެފަ އެވެ. ދެގައުމުން ކުރެ ގައުމަކަށް ނަތީޖާއެއް ހާސިލެއް ނުކުރެވުނެވެ. މަޝްވަރާތައް މެދުކަނޑާލީ ދެވަނަ ބުރެއް ބޭއްވުމަށް އެއްބަސްވުމަށް ފަހު އެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވި ގޮތުން މަޝްވަރާއަށް ރަޝިއާ ތައްޔާރެވެ. އެހެން ނަމަވެސް ހަމަލާތައް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭނަށް ރަޝިއާގެ އަސްކަރީ ބާރުތަކުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް އެދިވަޑައިގެން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ދެންނެވުމުން ޕޫޓިން ވިދާޅުވި ކަމަށް ވަނީ ރަޝިއާ ހާސިލުކުރަން އެދޭ އަމާޒަށް ވާސިލުވެވުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށެވެ.