އެމެރިކާއިން މަޝްވަރާ މޭޒުދޮށަން ގޮސްގެން ނަމަވެސް ޔުކްރޭން ހަނގުރާމަ ހުއްޓުވަން ޖެހިފައި އޮތް ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.
ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ އެމެރިކާ އިސްވެ މަޝްވަރާތައް ފެށުމަކީ އެންމެ އެދެވޭ ގޮތް ކަމަށާއި "އަހަރެމެން" -- ޔޫރަޕުން އެދޭ ގޮތަކީ ވެސް އެއީ ކަމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ވިސްނައިދެވޭ ވަރުގެ މީހަކު ހުރި ނަމަ އަދި ހެޔޮކަމެއް ކުރުމުގެ ނިޔަތް އެ މީހެއްގެ އޮތް ނަމަ ޔުކްރޭނާއި ހެއިޓީގައި ކުރެވެމުންދާ ހަނގުރާމާ ހުއްޓުވަން ބައިޑަން އަށް އިރުޝާދު ދިނުމަކީ ވަރަށް އެދެވޭ ކަމެއް ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަށް ލަފާއަރުވަން ޖެހޭ ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޕޫޓިން އަށް ލަފާއެރުވޭ ފެންވަރުގެ މީހުން ގައުމުތަކުގައި އެބަ ތިބި ކަމަށާއި އެކަން ނުކޮށް ތިބެނީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
މެކްރޮން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވީ މަޝްވަރާ އަށް ރަޝިއާ ތައްޔާރުވެ އޮންނަތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ.
ދުނިޔެއަށް އެކަން އެނގެން ޖެހޭ ކަމަށް ވެސް ފެސްކޯފް ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވީ އެމެރިކާއާ މަޝްވަރާ ކުރަން ވެސް ރަޝިއާ ތައްޔާރު ކަމަށާއި މަޝްވަރާ ކުރުމަކީ އެއްވެސް އިރެއްގައި ރަޝިއާ މަނާވެގެންފައި އޮތް ކަމެއް ނޫން ކަމަށެވެ.
ޕެސްކޯފް ވިދާޅުވި ގޮތުގައި ނަސޭހަތް ދޭން ޖެހިފައި ތިބި ބަޔަކީ ޔުކްރޭންގެ ވެރިކަމުގައި ތިބި ބޯހަރު ޖާހިލުންނަށެވެ. އޭނާ އަދި ވިދާޅުވި މަޝްވަރާ ކުރުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ޔުކްރޭނުން ވަނީ މުޅި ދުނިޔެއަށް އިއުލާންކޮށްފައި ކަމަށެވެ.
ޔުކްރޭން ހަނގުރާމަ އަކީ ނޭޓޯގެ ސަބަބުން ފެށިގެން އުޅޭ ހަނގުރާމަ އެކެވެ. ރަޝިއާ އަށް އުނދަގޫ ނުކުރަން ތަކުރާރުކޮށް އެދުމުން ވެސް ނޭޓޯ އަށް އިވުނު ކަމަކަށް ނުވި އެވެ.
އަނެއްކޮޅުން ނޭޓޯ އަށް ވަސްވާސްދޭ އެމެރިކާ ރުއްސެން އޮތީ ވެސް ނޭޓޯ މެދުވެރިވެ މުޅި ޔޫރަޕް ރަޝިއާ އަށް އަރައިގަނެގެންކަން އެ މީހުންނަށް އޮތީ ގަބޫލުކުރެވިފަ އެވެ.