ދުނިޔެ

މަސްލަހަތު އިތުރަށް ގޯސްނުކުރަން މެކްރޮން އެދިވަޑައިގެންފި

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފަ އެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވި ގޮތުގައި އެފަދަ ބަސްތަކުން އޭނާ އެއްވެސް މީހަކަށް މުހާތަބު ނުކުރައް ވާނެ އެވެ.

ވަކި މީހެއްގެ ނަން ވިދާޅުނުވެ މެކްރޮން ވިދާޅުވީ ސުލްހައަށް ނުކުމެ ތިބި މީހުން އަލިފާނަށް ދަރު އެޅުމުން ހައްތާ ހޫނު ގަދަވާނީ ކަމަށެވެ.

މެކްރޮން ވިދާޅުވީ ރަޝިއާ - ޔުކްރޭން ހަނގުރާމަ ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވަން ޖެހިފައި އޮތްއިރު ބޭއަދަބީ ބަސްތަކުން މުހާތަބު ކުރުން މަސްލަހަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި ބައިޑަން ކިތަންމެ ނަމަކުން ޕޫޓިންއާ މުޚާތަބު ކުރެއްވި ނަމަވެސް އެއީ ޝަރުއީ ކޯޓެއްގައި ސާބިތު ކުރެވޭނެ ނަން ނަމެއް ނޫނެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ޕޫޓިންއަކީ ގާތިލެއް ކަމަށް ބައިޑެން ކުރިން ވިދާޅުވެފައި އަދި ޕޫޓިންއަކީ ހަނގުރާމައި ކުށްވެރިއެއް ކަމަށް މިހާރު ވިދާޅުވި ނަމަވެސް އެފަދަ މީހެއް ގޮތުގައި ހުކުމް ކުރާނެ ކޯޓެއް ދުނިޔޭގައި ނެތެވެ.

ދިމިތުރީ ޕެސްކޯވް ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި އަނިޔާވެރިކަން ގޮވާން ކުރެއްވި ބޭފުޅުންގެ ތެރޭގައި ޖޯ ބައިޑަން ހިމެނި ވަޑައި ގަންނަވަ އެވެ. އަދި ފަލަސްތީނާއި ސީރިއާ އަދި އީރާގުގައި އެތައް ލައްކަ ބަޔަކު މަރައި ދިރިތިއްބާ މިސައިލް ހަމަލާތަކުން އަންދާލުމުގެ ޒިންމާ އެމެރިކާގެ ވެރިން އުފުލަން ޖެހިވަޑައި ގަންނަވާނެ އެވެ.

މެކްރޮން ވިދާޅުވި ގޮތުގައި އުންމީދަކީ ހަނގުރާމަ ހުއްޓުވުމެވެ. އެއަށް ފަހު ރަޝިއާ ސިފައިން ޔުކްރޭނުން ބޭލުމަކީ ވެސް އެދިވަޑައި ގަންނަވާ ގޮތެވެ.

ދުރު ނޫން މުސްތަގުބަލެއްގައި ޕޫޓިންއާ ބައްދަލު ކުރައްވާނެ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޕޫޓިންއާ މަޝްވަރާ ކުރެވޭ ކަމަށާއި އިޚުތިޔާރުން ބޭރުގައި ގޯހެއް ހެދުމަކީ އެއަށް ވުރެ ބޮޑު ގޯހެއް އިހުތިޔާރު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.