ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކަކީ ބަލައިގަނެވޭނެ ހެކިތަކެއް ނޫން ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓުގައި އިސްތިއުފާން ކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ނިންމައިފި އެވެ.
ރައީސް ޔާމީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ފުއްގިރި މައްސަލައިގައި ޝަރީއަތް ފެށުމުގެ ކުރިން ދައުލަތުން ހުށަހަޅަންޖެހޭ ހުށަހެޅުންތަކުގެ ތެރޭގައި ޔާމީނާ ދެކޮޅަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި އިތުރު ޝަފަހީ ހެކިތަކެއް ހުށަހަޅާފައިވާތީ އެ ހެކިތައް ބަލައިނުގަތުމަށެވެ. ދަށު ކޯޓާއި ހައިކޯޓުން ވެސް ނިންމީ އެ ހެކިތައް ބަލައިގަތުމަށެވެ.
މީގެއިތުރުން މައްސަލައާއި ގުޅޭ ބައެއް ލިޔުންތައް ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން އެދިފައިވާތީ ދަށު ކޯޓުން ވަނީ އެ އަމުރު ނެރެ ދީފަ އެވެ. ހައިކޯޓުންވެސް އެ ނިންމުމަށް ތާއީދުކޮށްފައިވެ އެވެ. އެހެންވެ އެ ލިޔުންތައް ހޯދުމުގެ އަމުރެއް ހޯދުމަށްވެސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފްކޮށްފައިވެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި މިވާ ހުށަހެޅުންތަކާ މެދު އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަން ދެން ދަށު ކޯޓުގައި ހިނގާ ފުއްގިރީގެ މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސާލުމަށް އަމުރެއް ނެރެދިނުމަށްވެސް އެދިފައިވެ އެވެ.
ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒު މިއަދު ވިދާޅުވީ ފުއްގިރި މައްސަލައިގައި އިސްތިއުނާފް ކުރި ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:45 އަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައިވާ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާތީ އެމަނިކުފާނު މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް، މަތީ ކޯޓަކުން ބާތިލް ނުކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެއްވޭނެ އެވެ.