ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ކެންޑިޑެސީ މައްސަލަ: މާދަމާ ހުކުމްކުރަނީ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެންޑިޑެސީގެ މައްސަލައިގައި ހުކުމް ކުރުން މާދަމާއަށް ތާވަލްކޮށްފި އެވެ.

ސުޕްރީމް ކޯޓުގައި މިއަޑު އެހުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ޖަހާއިރު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. ނަމަވެސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ހަމަ އެ ދުވަހު އިލެކްޝަންސް ކޮމިޝަނުން ނިންމީ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާތީ އެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހިމެނޭ ވަކީލް އަދި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ގާނޫނުއަސާސީގެ 109 މާއްދާގެ (ޅ) ނުބައިކޮށް މާނަކޮށްފައިވާ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.

އެހެންވެ ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަންގެ ނިންމު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން މިމައްސަލައިގައި ބޭއްވި ހަމައެކަނި އަޑުއެހުން ރޭ ވަނީ ސުޕްރީމް ކޯޓުގައި ބާއްވާފަ އެވެ. މިއަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލްކޮށްދިނުމަށެވެ. އަދި އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގެންފިނަމަ ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރުމަށް އިތުރު ފުރުސަތު ދެއްވުމަށެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށް ދައުލަތުގެ ފަރާތުން ބަންޑާރަނައިބް އޮފީހުން ބުނެފައިވެ އެވެ.