ކޭ ޕާކް ރެސިޑެންސް

ހަންބޯ ކުންފުނީގެ މައްސަލަ ޕޮލިހަށް ހުށަހަޅައިފި

May 4, 2023

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ކޮންޑޮމީނިއަމް -- "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނިން، އެ ކުންފުނީގެ ރާއްޖޭގެ އެޖެންޓް -- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)އަށް ކުރާ ތުހުމަތުތައް ތަހުގީގުކޮށްދިނުމަށް ހުޅުމާލެ ބަލަހައްޓާ އާބަންކޯގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އާބަންކޯ އިން މިރޭ މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީނ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ "ކޭޕާކް ރެޒިޑެންސް"ގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކުންފުނިން އާބަންކޯ އަށް މައްސަލަ ހުށަހަޅަފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެ ކޯޕަރޭޝަނުން ފުލުހުންނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

"މިމައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް މިކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަން،" އާބަންކޯ އިން ބުނެފައިވެ އެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. މައިނޯރިޓީ ހިއްސާދާރަކީ މަންޑޭ އެވެ. އެއީ ފަސް ޕަސެންޓް ހިއްސާ އެވެ.

ހަންބޯ ކޮމްޕެނީ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަކަރާއި ހީލަތުން ވަރަށް ގިނަ ބަޔަކަށް ފްލެޓް ވިއްކާ އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. ފްލެޓްތައް ވިއްކިއިރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްފައިވާ ލިޔުންތަކެއް ހަދައި، ވިއްކި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި މަންޑޭގެ އިތުރުން ޖައިޝަން ސައީދު ކިޔާ މީހަކު ސޮއިކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ޖައިޝަން އަކީ ކޭޕާ އެކު މަަސައްކަތް ކުރާ ދިވެހި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކޯދި އިންވެސްޓްމަންޓްސްގައި މަންޑޭގެ އިތުރުން ހިމެނޭ ހިއްސާދާރެކެވެ.

އެކި މީހުންނަށް ފްލެޓް ވިއްކުމަށްފަހު ނަގުދު ފައިސާ ދައްކަން އަންގާ އަދި އަމިއްލަ ބޭނުންތަކުގައި ކަސްޓަމަރުންނަށް ގުޅައިގެން ފަހުން ފައިސާ ދައްކާ ގޮތަށް ފައިސާ ހޯދަން މަންޑޭ މަސައްކަތް ކުރި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށްވެސް ބުނެފައިވެ އެވެ.

ހަންބޯ ކުންފުނިން ވަނީ މަންޑޭގެ މައްސަލަ ޖިނައީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި ދިމާވެގެން އުޅޭ މައްސަލަތައް އާބަންކޯގެ ސަމާލުކަމަށްވެސް ގެނެފައިވެ އެވެ.

ހަންބޯ ކުންފުނިން ވަނީ އެ ކުންފުނިން ހޯދަން ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު ހޯދުމަށް މަންޑޭ އެއްބާރުލުން ނުދޭ ކަންވެސް ފާހަގަކޮށްފަ އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ. މި ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ.

އިމާރާތުގެ މަސައްކަތް ނިންމަން ބުނި އެއްވެސް ތާރީހަކަށްވެސް މަސައްކަތް ނިންމާލެވިފައި ނުވާތީ މި ތަނުން ފްލެޓް ގަނެފައިވާ މީހުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.