ނައީމާގެ މަރު

ނައީމާގެ މަރަށް އެއްމަސް: ގާތިލެއް ނުހޯދުނު

ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ އަނިޔާވެރި މަރަކީ މަނަދޫ ރައްޔިތުންނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ހިތްދަތިކަމެވެ. ބޮޑުވެފައި ތިބި ތިން ކުދިންގެ މަންމަ ނައީމާގެ ހަށިގަނޑުގެ އެތައް ތަނަކަށް ހަމަލާދީ އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެވެ. އެހެންކަމުން ނައީމާގެ އަނިޔާވެރި މަރަށް މިއަދަށް އެއްމަސްވީ އެވެ.

މަނަދޫ ރައްޔިތުންގެ އެންމެ ބޮޑު ހާސްކަމަކީ އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ ނައީމާގެ މަރަށް އެއްމަސް ވެގެންދިޔައިރު ގާތިލް ހޯދިފައި ނުވުމެވެ. މީހަކަށް ތުހުމަތުކުރެވޭ ވަރުގެ ހެއްކެއް ވެސް ފުލުހުންނަށް އަދި މިހާތަނަށް ހޯދިފައި ނެތުމެވެ. ވަކިން ގެއެއްގައި އެކަނިވެރި ދިރިއުޅުމެއް އުޅެމުން ދިޔަ ތިން ކުދިންގެ މަންމަ -- އުމުރުން 62 އަހަރުގެ ނައީމާ މަރާލަން ޖެހުނު ސަބަބެއް އެނގިފައި ނެތުމަކީވެސް ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރުމުގެ ވަޒީފާގައި ހުރި ނައީމާ މަރާލާފައި އޮއްވާ ފެނުނީ މިމަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ގާތިލް ހޯދުމުގައި ފުލުހުންނަށް މިހާތަނަށް މާބޮޑު ކުރިއެރުމެއް ހޯދިފައިވާ ކަމަކަށް ނުފެނެ އެވެ. ނަމަވެސް މާލެއިން ދިޔަ ފުލުހުންގެ ފޮރެންސިކް ހާއްސަ ޓީމެއް މިވަގުތު ވެސް މަނަދޫގައި ހަރަކާތްތެރިވަމުން އެބަދެ އެވެ. މަނަދޫ ނިސްބަތްވާ ފުލުހުންގެ ރީޖަނަލް ކޮމާންޑްގެ ކޮމާންޑަރު ވެސް މިވަގުތު ހުންނެވީ މަނަދޫގަ އެވެ. ނައީމާގެ މަރަށްފަހު ރީޖަނަލް ކޮމާންޑަރު މަނަދޫގައި ހުންނެވީ ގާތިލް ހޯދުން އަވަސްކުރުމަށް އަދި ތަހުގީގު ވީހާވެސް ރަނގަޅަށް ކުރިއަށް ގެންދިއުމަށްޓަކައި ކަމަށް މަނަދޫގެ ބައެއް މީހުންގެ ފަރާތުން އެނގިފައިވެ އެވެ.

ނައީމާގެ މަރުގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ވާހަކަ ނުދައްކަ އެވެ. މީޑިއާއަށް ދޭ ހަމައެކަނި މައުލޫމާތަކީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަނަދޫ ކައުންސިލްގެ ރައީސް އަބްދުރަހްމާން ސަބީހްގެ އެންމެ ބޮޑު ޝަކުވާއަކީ ރަށުގެ ރައްޔިތެއް "ކޮށާ ކުދިކޮށް" މަރާލި ހާދިސާއަށް އެއްމަސްވީ އިރު ފުލުހުންގެ ފަރާތުން ތަހުގީގާ ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތު ނުލިބުމެވެ. މީޑިއާއަށް ލިބިފައިވާ މައުލޫމާތެއް ފިޔަވާ އެހެން މައުލޫމާތެއް ފުލުހުންގެ އިދާރާއިން ކައުންސިލާ ވެސް ހިއްސާކޮށްފައި ނެތް ކަމަށް ސަބީހް ވިދާޅުވި އެވެ.

އަޅުގަނޑު މަނަދޫ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އަދި މަނަދޫ ރައްޔިތުންގެ ބެލެނިވެރި އިދާރާ މަނަދޫ ކައުންސިލްގެ ފަރާތުންވެސް ވަރަށް ބޮޑަށް ކަންބޮޑުވޭ ހިތްހަމަޖެހޭ ފަދަ ކުރިއެރުމެއް ފުލުހުންނަށް ލިބިފައި ނެތުމުން. މަނަދޫ ރައްޔިތެއް މަރާލިތާ މިއަދަށް އެއްމަސްވީއިރު ރައްޔިތުންވެސް އިންތިހާއަށް ކަންބޮޑުވޭ ގާތިލް ހޯދިފައި ނެތުމުން. ބައެއް ރައްޔިތުންގެ ހިތްހަމަނުޖެހުންވެސް ބޮޑުވަމުން އެބަދޭ
އަބްދުރަހްމާން ސަބީހް | މަނަދޫ ކައުންސިލްގެ ރައީސް

އޭނާ ވިދާޅުވީ ފުލުހުންގެ އިދާރާ އިން އެންމެ ފަހުން ރަސްމީކޮށް މައުލޫމާތެއް ލިބުނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އެދުވަހު ފުލުހުން އެދުނީ މަނަދޫ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އިނގިލީގެ ނިޝާނާއި ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް ނެގުމުގައި އެހީތެރިކަން ދިނުމަށް ކަމުގައި ވިދާޅުވި އެވެ.

"ފުލުހުންގެ އެ ހުށަހެޅުމާ ގުޅިގެން ކައުންސިލުންވެސް ރައްޔިތުންގެ ފަރާތުންވެސް 100 ޕަސަންޓް އެއްބާރުލުން ލިބޭ. އެކަމަކު ފުލުހުން ބޭނުންވި ސާމްޕަލް ނަގައިގެންވެސް ނައީމާގެ މަރާ ގުޅުންހުރި މީހަކު އަދިވެސް ހޯދިފައި ނެތުމަކީ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވަމުންދާ ސަބަބެއް،" ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ސަބީހް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ނައީމާގެ މަރަށް ފަހު ރައްޔިތުންގެ ތެރޭގައި ނަފްސާނީ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މުޅި ރަށް އޮތީ ބިރުވެރިކަމެއްގައި "ވާނުވާ"ގައި ކަމަށްވެސް ވިދާޅުވި އެވެ.

އަނިޔާވެރިކޮށް ނައީމާ މަރާލާފައި ވަނިކޮށް އަދި މި މަރުގައި ތުހުމަތުކުރެވޭ މީހަކުވެސް ހޯދިފައި ނެތީސް ނައީމާގެ ހަށިގަނޑު ޕޯސްޓްމޯޓަމެއް ނުހަދާ ފުލުހުން ވަނީ ނައީމާގެ ހަށިގަނޑު ވަޅުލުމަށް އާއިލާއާ ހަވާލުކޮށްފަ އެވެ. ނައީމާގެ ޖަނާޒާ ބޭއްވީ މަރުވެފައި އޮއްވާ ފެނުނުތާ އެއް ދުވަސް ފަހުން މިދިޔަ މަހުގެ އަށްވަނަ ދުވަހު އެވެ.

މަނަދޫ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ނައީމާގެ ގާތިލް ހޯދިފައި ނުވަނީސް ޕޯސްޓްމޯޓަމް ނުހަދާ ހަށިގަނޑު ވަޅުލާން ޖެހުނު ސަބަބެއް ފުލުހުން ބުނެދޭން ޖެހޭ ކަމަށެވެ. އޭނާ އެކަން ސިފަކުރީ އެއީ ފުލުހުން ހެދި ގޯހެއްގެ ގޮތުގަ އެވެ.

"ހަގީގަތުގައި ނައީމާ މަރާލި މީހަކު ނުހޯދި މިހާ ގިނަ ދުވަސްވީއިރު އަހަރެމެންގެ ގާތުގައި ރައްޔިތުންނާ އެކު އެ ގާތިލް ނެތް ކަމެއްވެސް ނޭނގޭ. މިއީ ކިހާ ބޮޑު ހިތާމައެއް ބިރެއްތޯ؟ އަނެއްކާ ނައީމާ މަރާލި މީހެއް ނޭނގޭ ނަމަ ރަށުގެ ހުރިހާ ރައްޔިތުންގެ ބޮލުގައިވެސް އެ އިލްޒާމު އެބައޮވޭ،" އެ މީހާ ބުންޏެވެ.

ނައީމާ މަރާލާފައި އޮއްވާ ފެނުނު ދުވަހުން ފެށިގެން ފުލުހުން ގެންދަނީ މަނަދޫއަށް އަރާ ފައިބާ އެންމެންގެ މައުލޫމާތު އެއްކުރަމުންނެވެ. ރަށުތެރެ ބެލެހެއްޓުމަށް މަނަދޫއަށް އިތުރު ފުލުހުން ގެނެސް މޮނިޓާ ކުރުން ވަނީ ވަރުގަދަކޮށްފަ އެވެ. އެކަމަކު މަނަދޫ ރައްޔިތުންގެ ކަންބޮޑުވުމަކީ ގާތިލް ހޯދިފައި ނުވުމެވެ. ނައީމާގެ މަރަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދު ކުޑަވުމެވެ.